ފިނޮޅަށް ގެއްލުންދިން މައްސަލާގައި ގިލިލަންކަންފުށި ފަސްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ފިނޮޅަށް ގެއްލުންދިން މައްސަލާގައި ގިލިލަންކަންފުށި ފަސްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ކ. ހިންމަފުށި ކައިރީގައި އޮތް ފިނޮޅަކަށް ގެއްލުން ދިން މައްސަލާގައި ގިލިލަންކަންފުށި ރިސޯޓު ހިންގަމުންދާ ޕްރޮމޯސް ޕްރައިވެޓް ލިމިޓެޑް ފަަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އެރިސޯޓު ހިންގަމުންދާ ކުންފުނި ޖޫރިމަނާ ކުރި މައްސަލާގައި އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ އިން ނެރުނު ބަޔާނެއްގައި ބުނީ، އެރިސޯޓުގެ މުވައްޒަފުން އެފިނޮޅަސް އަރައި އެފިނޮޅުގެ ހުރަހަށް ފެންދައުރުވާ ގޮތަށް ފަސްގަނޑު ކޮނެ، އެފިނޮޅުގެ ވެލިގަނޑު ގިރައިގެންދާނެ ގޮތަށް ކޯރު ކަނޑާފައިވާކަން އެއެޖެންސީން ފުލުހުން މެދުވެރިކޮށް ބެލިބެލުމުން ޔަގީން ކުރެވިފައިވާ ކަމަށެވެ. އަދި އެ ފިނޮޅުގެ ތިން ސަރަހައްދަކުން ކޯރު ކަނޑާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އީޕީއޭގެ ބަޔާނުގައި ވެއެވެ.

އެހެންކަމުން ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމުގެ ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ ޖޫރިމަނާގެ ޖުމްލަ އަދަދު ކަމަށްވާ 5،62،980.00 ރުފިޔާ 30 ދުވަހުގެ ތެރޭގައި ދައްކަން އެ ރިސޯޓް އޮޕަރޭޓް ކުރަމުންދާ ކުންފުންޏަށް އަންގާފައިވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެ ރިސޯޓުގެ މުވައްޒަފުން ގެއްލުންދިން އެ ފިނޮޅަކީ ގިލިލަންކަންފުއްޓާއި ހިންމަފުއްޓާ ދެމެދުގައި އޮންނަ ކުޑަ ފިނޮޅެކެވެ. ހިންމަފުށި މީހުންނާއި އެ ރަށަށް ޒިޔާރަތް ކުރާ މީހުން ވެސް އާންމުކޮށް އެ ފިނޮޅަށް ދަތުރު ގޮސް ހަދާ ކަމަށްވެއެވެ.

އެ ރިސޯޓުގައި މަސައްކަތް ކުރާ ބަޔަކު ފިނޮޅަށް އަރައި ގެއްލުން ދިނީ ފަކީރާ ފަދަ ތަކެތި ހިފައިގެން ކަމަށްވެއެވެ.

މި މައްސަލާގައި އެ ރިސޯޓުން ވަނީ އެ މަސައްކަތުގައި އުޅުނު އެ ރިސޯޓުގެ އެއިރުގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކް މަގާމުން ވަކިކޮށްފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *