އިންޓަނެޓްގެ ހެޔޮ އަގުތައް މާދަމާ އިއުލާން ކުރަނީ

އިންޓަނެޓްގެ ހެޔޮ އަގުތައް މާދަމާ އިއުލާން ކުރަނީ

އިންޓަނެޓްގެ އަގު ހެޔޮކޮށް އެއަގުތައް މާދަމާ އިއުލާން ކުރަން ހަމަޖައްސައިފިއެވެ.

އެނގިފައިވާ ގޮތުގައި އިންޓަރނެޓްގެ އަގު ހެޔޮކޮށް އެއަގުތައް އިއުލާން ކުރަން ހަމަޖައްސާފައިވަނީ ރައީސް އޮފީހުންނެވެ. އަގު ހެޔޮކޮށް ބޮޑު ބަދަލެއް އަންނަނީ ފިކްސް ބްރޯޑް ބޭންޑްގެ ޚިދުމަތަށް ކަމަށް އެނގިފައިވެއެވެ.

މީގެ ކުރިން އިންޓަނެޓްގެ ޚިދުމަތް ދެމުންދާ ފަރާތްތަކާ ސަރުކާރުން ބައްދަލުކޮށް އިންޓަނެޓުގެ އަގަށް ގެންނަ ބަދަލުތައް ޚިއްސާކޮށްފައިވެއެވެ.

އެ ބައްދަލުވުމުގައި ސަރުކާރުން ހުށަހެޅި ގޮތަށް ބަލާއިރު، 5 އެމްބީޕީއެސް ސްޕީޑްގައި 200 ރުފިޔާއަށް 30 ޖީބީ ދިނުމަށާއި، 15 އެމްބީޕީއެސް ސްޕީޑްގައި 500 ރުފިޔާއަށް 100 ޖީބީ ލިބޭ ގޮތް ހެދުން ހިމެނެއެވެ. އަދި 25 އެމްބީޕީއެސް ސްޕީޑްގައި 750 ރުފިޔާއަށް 200 ޖީބީ ލިބޭ ގޮތަށް ހެދުމަށްވެސް ސަރުކާރުން ހުށަހަޅާފައި ވެއެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން މުވާސަލަތީ ޚިދުމަތާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ވަރުގަދަ ކުރުމަށް ވަކި ވުޒާރާއެއް ވެސް އުފެއްދެވިއެވެ. އެކަމަކު އޭރު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލަށް ނަތީޖާ ނުނެރެވުނު ކަމަށް ބުނެ މިނިސްޓަރު ކަމުން މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިގެން އެ މަގާމުން ދުރުކުރިއެވެ.

މިހާރު އެންވަޔަރަމަންޓް މިނިސްޓްރީއާއި ކޮމިއުނިކޭޝަން މިނިސްޓްރީ އެއްކޮށްލުމަށް ފަހު، އާ މިނިސްޓަރަކަށް އައިމިނަތު ޝައުނާ އައްޔަން ކުރެއްވި ފަހުން، މިނިސްޓަރު ޝައުނާ ވެސް ވަނީ އިންޓަނެޓް އަގު ހެޔޮ ކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. މި ގޮތުން އާ ސެބްމެރިން ކޭބަލްތައް ގާއިމްވުމުން އިންޓަނެޓްގެ ޚިދުމަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *