އެންމެ ބޮޑު ގޮެންޖެހުމަކީ މަޖިލީހާ ޖޭއެސްސީ މައްސުނިވުން

އެންމެ ބޮޑު ގޮެންޖެހުމަކީ މަޖިލީހާ ޖޭއެސްސީ މައްސުނިވުން

ދިވެހިރާއްޖޭގެ ޖުޑީޝަރީއަށް މިއަދު ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަލް ސާރވިސް ކޮމިޝަން މައްސުނިވުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ނުވަތަ ކޮމްޕޮޒިޝަން ބަދަލުކުރެއްވުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެކެވެ. ނަމަވެސް ސަރުކާރުގެ ދައުރު ދެބައިވެގެން ދިޔައިރުވެސް އެކަން ކުރެވިފައިނުވާތީ ބައެއް ފަރާތްތަކުގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.

އެކަމަށް އިޝާރާތްކުރައްވާ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވީ، މިއަދު ދިވެހިރާއްޖޭގެ ޖުޑީޝަރީއަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އަކީ އެކައްޗަކަށް ވެފައިވުންކަމަށެވެ. އެގޮތުން ބާރުތައް އެއްވެ މަސްހުނިވެފައިވާކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.

ޢަލީ ހުސައިން މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި މަޖިލީހުގެ މެންބަރަކު ޖޭއެސްސީގައި ތިއްބަވައެވެ. ސަރުކާރުން އެ ކޮމްޕޮޒިޝަން ބަދަލުކުރައްވާނެކަމަށް ބުނެފައިވާއިރު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެމެ، މިހާތަނަށް އެފަދަ އިޞްލާހެއްވެސް މަޖިލީހަށް ހުށައަޅާފައެއްނުވެއެވެ.

ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، މަޖިލީހުގެ މެންބަރުންގެ ތެރެއިން ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން އިންނަވައެވެ. ޖޭއެސްސީގެ ރައީސް އަކީ ޙިސާން ޙުސައިންއެވެ.

ޤާނޫނު އަސާސީގައި ބުނާގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަން އެކުލެވިގެން ވާނީ، މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރުންގެ މައްޗަށް އެކުލެވޭ 10 މެންބަރުންގެ މައްޗަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *