ރާއްޖެގައި މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އިއްޔެ އިން ފެށިގެން ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށެވެ. މިއަހަރުވެސް މާލޭ ސިޓީން ފިތުރު ޒަކާތް ބަލައިގަންނަނީ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށެވެ. އެއީ ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
އެގޮތުން ދިރާގު ކަސްޓަމަރެއް ނަމަ ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ދިރާގު ޕޭ އެންޑް ލައިފްސްޓައިލް އެޕްލިކޭޝަނުންނާއި އެސްއެމްއެސް މެދުވެރިކޮށެވެ. އުރީދޫ ކަސްޓަމަރުން ނަމަ އުރީދޫ އެމް ފައިސާ އެޕްލިކޭޝަނުންނާއި އެސްއެމްއެސް މެދުވެރިކޮށެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ އެ ބޭންކުގެ ވެބްސައިޓު މެދުވެރިކޮށެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކުން އޮންލައިން ބޭންކިން ”ފައިސާ ނެޓް“ އާއި މޯބައިލް ބޭންކިން ”ފައިސާ މޮބައިލް“ މެދުވެރިކޮށް ފިތުރު ޒަކާތް ބަލައިގަންނާނެއެވެ.
މީގެ އިތުރުން ފަހި ޕޭ އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށްވެސް މިއަހަރު ޒަކާތް ދެއްކޭނެއެވެ.
ފިތުރު ޒަކާތަކީ ރަމަޟާންމަހުގެ ރޯދަ ހިފާނިމުމާ ގުޅިގެން އަދާކުރުން ވާޖިބުވެގެންވާ ސޮދަގާތެކެވެ. ފިތުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭގައި އެރަށެއްގެ ބަނޑުކެއުމުގެ ގޮތުގައި އާންމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ.

