ހަމަ ނުޖެހުމާ ގުޅިގެން ދެ ޕާޓީން ވެސް ހެދީ ދޮގު

ހަމަ ނުޖެހުމާ ގުޅިގެން ދެ ޕާޓީން ވެސް ހެދީ ދޮގު

މިއަދު އިންތިހާބީ މަރުކަޒު ތެރޭ ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޕީޕީއެމް އާއި އެމްޑީޕީން ވެސް ހެދީ ދޮގު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރިފު ވިދާޅުވެއްޖެ އެވެ. މިއަދު އިންތިހާބުގެ މައި މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރިފް ވިދާޅުވީ،18 ވޯޓު ފޮށީގެ ސެކިއުރިޓީ ކެޑުމަށް ނިންމީ އެއްވެސް ފަރާތަކުން ހުށަހެޅި ޝަކުވާއަކާ ގުޅިގެން ނޫން ކަމަށެވެ.

މިއީ އިލެކްޝަންސް ކޮމިޝަންގެ ނަތީޖާ ސާފުކުރުމުގައި ބައެއް ޝައްކުވާ ކަންތައްތަކެއް ހުރުމުން އެ ޝައްކު ފިލުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ކޮމިޝަންގެ ބައްދަލުވުން ނިންމައިގެން ކުރާ ކަމެއްކަމަށާއި އެގޮތުން 18 ފޮށީގެ ސެކިއުރިޓީ އުރަ ކެޑުމަށް ނިންމާފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައިގަނޑު ގޮތެއްގައި ހުރި މައްސަލައަކީ ނަތީޖާ ޝީޓްގައިވާ ބައެއް އަދަދުތައް ޓެލީ ނުވުން ނުވަތަ ދިމާނުވުން ކަމަށާއި ފޮށިތައް އަލުން ބެލި ނަމަވެސް ހުރިހާ ފޮއްޓެއްގެ ހުރިހާ ވޯޓެއް އަލުން ނުގުނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ނަތީޖާ ކަށަވަރުކުރުމަށް އެ ހިސާބަށް ދާން ޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ،އެކަން ކުރަން ނިންމީ އެ ފޮށިތަކާ ގުޅުންހުރި ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ މަންދޫބުން އަދި މީޑިއާތައް ކުރިމަތީ ކަމަށާއި އެހެން ނަމަވެސް އެކަން ކުރިއަށް ނުދިޔައީ އާންމުން އެ ސަރަހައްދަށް އެއްވެ ހަމަނުޖެހުން ހިންގުމުން ކަމަށް ޝަރީފު ވިދާޅުވި އެވެ.

ސަރުކާރުން އިންތިހާބުގެ ނަތީޖާ އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް ޕީޕީއެމް/ޕީއެންސީ މެމްބަރުން އިންތިހާބީ މަރުކަޒަށް އެއްވެ އިހްތިޖާޖް ކުރަން ފެށި ފަހުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެތަނަށް ވަޑައިގަތުމުން އެ އިހްތިޖާޖު އިތުރަށް ހޫނުވި އެވެ.

އަދި އެ ހަމަނުޖެހުމާ ގުޅިގެން ދެ ޕާޓީން ވެސް ވާހަކަ ދައްކަނީ އެ ޕާޓީއަކަށް ފައިދާވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *