ދީބާޖާ ކުންފުންޏަށް 348 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދިނުމަށް ސަރުކާރުގެ މައްޗަށް ސުޕްރީމް ކޯޓުން އިއްވާފައިވާ ހުކުމް ހަމަ އެ ކޯޓުން މިއަދު ބާތިލްކޮށްފި އެވެ. ދީބާޖާ ކުންފުނީގެ އެގްރިމަންޓް 2013 ވަނަ އަހަރު ބާތިލުކުރުމުން ދީބާޖާއިން ދައުވާ ކުރީ ގެއްލުުމުގެ ބަދަލުގެ ގޮތުގައި 2.4 ބިލިއަނެއްހާ ރުފިޔާ ނަގައިދިނުމަށެވެ. ނަމަވެސް ސިވިލް ކޯޓުން ހުކުމް ކުރީ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށެވެ.
އެކަމަކު ހައި ކޯޓުން އެ ހުކުމް ބާތިލްކުރުމުން ހައި ކޯޓުގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ދީބާޖާ އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެއްވެސް ޝަރީއަތެއް ހިންގެވުމަކާ ނުލައި ސިވިލް ކޯޓުން ކުރި ހުކުމް ދަމަހައްޓައި ބޮޑު ބަދަލެއް ދޭން ސުޕްރީމް ކޯޓުން 2019 ވަނަ އަހަރު ނިންމެވިއެވެ.
އެހެންކަމުން އެ ހުކުމާ އެއްގޮތަށް ދައުލަތުން ފައިސާ ދައްކާފައިނުވާތީ އެ ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި ދީބާޖާއިން ސިވިލް ކޯޓަށް ހުށަހެޅިއެވެ. އަދި ބަދަލު ދިނުމުގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް ކޯޓުން ބޭރުގައި އެ ކުންފުންޏާއެކު ސަރުކާރުން މަޝްވަރާކޮށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޭން އެއްބަސްވިއެވެ.
ނަމަވެސް އެ ކުންފުންޏަށް އެ އުސޫލުން އެއްވެސް ފައިސާއެއް ނުދޭން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އެންގެވުމުން،އެ ހުކުމް އަލުން ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތު ނިންމެވިއެވެ. އެގޮތަށް ނިންމެވީ މިދިޔަ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ.
އޭޖީގެ ފަރާތުން ހުށަހެޅި މައްސަލައިގައި ހުކުމް އިއްވަމުން އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫން މިއަދު ވިދާޅުވި ގޮތުގައި، މައްސަލާގެ ހުކުމް އައިސްފައިވަނީ އިންސާފަށް ހުރަސް އެޅޭ ގޮތަށް ކަމަށެވެ. އެގޮތުން، ފަނޑިޔާރު ޝުޖޫން އެންމެ ބޮޑަށް ފާހަގަ ކުރެއްވީ އިސްތިއުފާނުގެ މުއްދަތާ ގުޅޭ ނުކުތާއެވެ.
ޝުޖޫން ފާހަގަ ކުރެއްވި ގޮތުގައި އިސްތިއުނާފުގެ މުއްދަތަކީ ކަނޑައެޅިފައިވާ މުއްދަތެއް ނަމަވެސް، ބައެއް ހާލަތްތަކުގައި އިސްތިއުނާފުގެ މުއްދަތު ހަމަވުމުން ވެސް އެ ހުއްދަ ދިނުމަކީ ހައިކޯޓަށް ލިބިގެންވާ އިހްތިޔާރީ ބާރެކެވެ. އެ ބާރުގެ ބޭނުން ހައިކޯޓުގެ ފަނޑިޔާރުން ބައެއް ހާލަތްތަކުގައި ހިފަން ޖެހޭނެކަން ޝުޖޫން ފާހަގަކުރައްވަމުން ވިދާޅުވީ އެ ހާލަތްތަކަކީ ވަކިން ކަނޑައަޅާފައިވާ ހާލަތްތަކެއް ނޫން ކަމެވެ. އަދުލު އިންސާފަށް އުނިކަމެއް ނުވަތަ ހަނިވާ ކަމަށް ގަބޫލުކުރެވޭ ކޮންމެ ހާލަތެއްގައި އެ އިހްތިޔާރުގެ ބޭނުން ހިފަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ދެން ފަނޑިޔާރު ޝުޖޫން ފާހަގަ ކުރެއްވީ ސުޕްރީމް ކޯޓުގެ ނިންމުމެއް، ހަމަ އެ ކޯޓުން ރިވިއުކޮށް އިތުރު ގޮތެއް ނިންމުމެއްގެ ބާރު ލިބިގެންވޭތޯ ކަމާމެދު އޮތް ނުކުތާއަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އަދުލު އިންސާފަށް ފާޅުކަން ބޮޑު ގޮތެއްގައި އެޅިފައިވާ މައްސަލައެއްނަމަ، ސުޕްރީމް ކޯޓަށް އެ މައްސަލައެއް ރިވިއު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެގޮތުން މީގެ ކުރިން ސުޕްރީމް ކޯޓުން މައްސަލަތައް ރިވިއުކޮށްފައިވާކަން ފާހަގަކުރައްވައި ޝުޖޫން ވިދާޅުވި ގޮތުގައި، މި މައްސަލައަކީ ސުޕްރީމް ކޯޓަށް އަލުން ބެލިދާނެ މައްސަލައެކެވެ.
އެހެންކަމުން ފަނޑިޔާރު ޝުޖޫން ހުކުމް ކުރެއްވީ، ހައިކޯޓުގެ ހުކުމަށް ރުޖޫއަވުމަށެވެ. އެއީ ދީބާޖާ ކުންފުންޏަށް ބަދަލު ދޭން ނުޖެހުމެވެ. ނަމަވެސް އެ ހުކުމަށް އަހަރުތަކެއްވެފައިވާތީ އެންމެ އިންސާފުވެރި ގޮތަކީ، މައްސަލަ އަލުން ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމުގެ ފުރުސަތު ދިނުން ކަމުގައިވާތީ، މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި ދީބާޖާއިން ބޭނުންވާނަމަ ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ޝުޖޫން ވިދާޅުވިއެވެ.
ފަނޑިޔާރު ޝުޖޫންގެ މި ހުކުމަށް ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ތާއިދު ކުރެއްވި އެވެ.

