މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ކާފިއު އުވާލައި ލުއިތަކެއް ދިނުމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ނިންމައި އެކަން އިޢުލާން ކޮށްފިއެވެ. އެޗްޕީއޭއިން ބުނެފައިވަނީ މިއަދުން ފެށިގެން ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މާނާކުރި ކުރުން ބާޠިލު ކޮށްފައިވާކަމަށެވެ.
އަދި އެޗްޕީގެ ގައިޑްލައިނާ އެއްގޮތަށް ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހުޅުވައިލުމާއި ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން އެކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތީން ހުޅުވުމާއި ދުވުމަށް ޚާއްޞަ ކޮށް ފައިވާ ޓްރެކްތައް ހުޅުވައިލުމަށްވެސް ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން ޔުނިވަރސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރި ޔަށް ގެންދިޔުން ހުޅުވައިލުމަށްވެސް ވަނީ ނިންމާފައެވެ.
ނަމަވެސް މާލޭސަރަހައްދުގައި ހުރި ބައެއް ފިޔަވަޅުތައް ވަނީ ދަމަހައްޓާފައެވެ.
1. އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓައިލުން.
2. ޚާއްޞަ ހުއްދައިގެ ދަށުން ޟަރޫރީ ބޭނުންތަކަށް މާލެ ސަރަޙައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރުކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދައިފައިވާ ނެގެޓިވް ޕީ.ސީ.އާރު ޓެސްޓު އޮތުން.
3. އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރުގެ ހަރަ ކާތްތަކާއި ކަސްރަތު ގެ ހަރަކާތްތައް ހުއްޓައިލުން.
4. ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
5. މާލެ ސަރަޙައްދުން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ކުރުން.
6. ފަތުރުވެރިން ފިޔަވައި، ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް ދިހައެއް ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުން.
އިސްތިސްނާ ހާލަތްތަކުގެ އިތުރުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި އެފަރާތުން އަންގާ ގޮތެއްގެ މަތީން ޢަމަލު ކުރެވޭނެކަމަށާ، މި ފިޔަވަޅުތައް ތަންފީޛު ކުރުމުގައި، ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުންކަމަށް އެޗްޕީއޭއިންވަނީ އަންގަވާފައެވެ.

