ވ. އަތޮޅުގެ އަންބަރާގައި މަސްތުވާތަކެއްޗާ އެކު ޕާޓީކުރަން ތިބި 95 މީހުން ހިމެނޭ ބޮޑު ގްރޫޕެއް ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.
ފަޅު ރަށެއްގެ ގޮތުގަައި އޮތް އެ ރަށުގައި މީގެ ކުރިން ވެސް މަސްތުވާތަކެއްޗާ އެކު ގިނަ އަދަދެއްގެ ޒުވާނުން ހައްޔަރުކޮށްފައިވެއެވެ.
އެނގިފައިވާ ގޮތުގައި ހައްޔަރުކުރީ މާލެއިން އެ ރަށަށް އިއްޔެ ދިޔަ 95 މީހުންގެ ގްރޫޕެކެވެ. އޭގެ ތެރެއިން 45 މީހުން މިހާރު މާލެ ގެނެސްފައިވާއިރު ބާކީ ތިބި މީހުން މާލެ ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ ހިލާފަށް ހުއްދަ ނުނަގައި މާލެއިން އަންބާރާ އަށް ދިޔަ 95 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެ މީހުން ދަތުރުކުރި އުޅަނދުގައި ވެސް ޖާގައަށް ވުރެ އިތުރަށް މީހުން ތިބި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ފަހު އަޅަންޖެހޭ ފިޔަވަޅު އަޅާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ކޮވިޑު-19 ފެތުރުން ހުއްޓުވުމަށް އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަންބާރާއަކީ ޕާޓީކުރުމުގެ މާޒީ އޮތް ރަށެކެވެ. އެގޮތުން، އޭޕްރީލް، 2014 ގައި އެ ރަށުގައި ޕާޓީކުރަމުން ދަނިކޮށް 79 މީހުން ހައްޔަރުކޮށްފައިވެ އެވެ. އެ އެންމެންގެ ޔޫރިން ޓެސްޓުކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.

