ފިލި މައްސަލައިގައި ބާޢީ ލުތުފީ ޖަލަށް ލުމަށް ހުކުމް ކޮށްފި

ފިލި މައްސަލައިގައި ބާޢީ ލުތުފީ ޖަލަށް ލުމަށް ހުކުމް ކޮށްފި

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ 25 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް، ފިލި މައްސަލައިގައި ހަތް މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ބާޣީ ލުތުފީ ފޮނުވާލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނައަރީ 2010 ގައެވެ. އޭގެ ފަހުން ލުތުފީ ފިލައިގެން އުޅެމުން ގެންދިޔައީ ސްރީލަންކާގައެވެ. ނަމަވެސް 2019 ގައި ލުތުފީ ވަނީ އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަމިއްލައަށް ވަދެ އެމްބަސީގެ ހިމާޔަތް ހޯދާފައެވެ.

މި ކަން އާންމުންނާ ހަމައަށް އައީ މަސްތަކެއް ފަހުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މީސްމީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން ދިވެހި ސަރުކާރުން ލުތުފީ އެމްބަސީގައި ހުރި ކަމަށް އެއްބަސްވެ އެ ކަން ހާމަކުރުމުންނެވެ. ލުތުފީ ރާއްޖެ ގެނައުން ލަސްވެގެން އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މަސްތަކެއް ފަހުން ލުތުފީ އަނބުރާ ގެނެސް ފިލި މައްސަލާގައި އޭނާގެ މައްޗަށް ދައުވާ އުފުލިއެވެ.

މި މައްސަލައިގައި މިދިޔަ ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ބާޣީ ލުތުފީ ވަނީ ފިލައިގެން ދިޔަ ކަމަށް އެއްބަސްވެފައެވެ. އަދި އަދަބު ލުއިކޮށްދިނުމަށް އޭނާ އެދުނެވެ. އަދި އޭނާގެ ބަލި ހާލަތު ދަށް ކަމަށް ބުނެ ލުތުފީ ވަނީ ގޭބަންދަށް ބަދަލު ކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

މި މައްސަލާގައި ދެ ފަރާތުން ރިއާޔަތް ކުރި ކަންކަމަށް ބިނާކޮށް މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ލުތުފީގެ މައްޗަށް ހަތް މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށެވެ. ގާނޫނުގައި އޮންނަ ގޮތުން ލުތުފީގެ އެ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހެވެ. އެކަމަކު ދައުވާއަށް އިއުތިރާފްވެ އަދަބު ލުއިކޮށްދޭން އެދުމުން އެ އަދަބު ކުޑަކުރެވެން އޮންނަ މިންވަރަށް ހަތް މަހާއި 18 ދުވަހަށް ޖަލަށް ލާން ހުކުމް އިއްވަން ގާޒީ ނިންމެވީއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *