ގައުމެއްގެ އިގްތިސޯދު ކުރިއަރާނީ ކަރަންޓުގެ އަގުހެޔޮވެގެން: މިނިސްޓަރު

ގައުމެއްގެ އިގްތިސޯދު ކުރިއަރާނީ ކަރަންޓުގެ އަގުހެޔޮވެގެން: މިނިސްޓަރު

ގައުމެއްގެ އިގްތިސޯދު ކުރިއަރައިގެންދާނީ، ކަރަންޓުގެ އަގު ހެޔޮވެގެން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ އަމާޒަށް ވާސިލްވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އިޔާދަކުރަނިވި ހަކަތަ ރާއްޖޭގައި އުފެއްދާ މިންވަރު އިތުރުކުރަން ޖެހޭ ކަމުގައި ވިދާޅުވުއެވެ.

"ރާއްޖޭގައި އެބަހުރި ވޭވް އެނާޖީ އުފެއްދުމުގެ ގާބިލްކަން. ކަނޑުގެ އޮއިވަރު ބޭނުންކޮށްގެން ހަކަތަ އުފެއްދުމުގެ ގާބިލްކަން. ވިންޑް އެނާޖީވެސް ރާއްޖޭގައި އުފެއްދިދާނެ. އަދި ކަނޑުގެ ފުން ސަރަހައްދުތަކާއި މަތީ ފަށަލަތަކުގެ ފިނިހޫނުމިން ބޭނުންކޮށްގެންވެސް ހަކަތަ އުފެއްދިދާނެ" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއިން ކޮންމެ އަހަރަކު ތެލަށް ބޮޑު ހަރަދެއް ކުރަންޖެހޭ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޖީޑީޕީގެ 10 އިންސައްތައަކީ ތެލަށް ކުރާ ހަރަދު ކަމަށެވެ. އަދި ރާއްޖެ އެތެރެކުރާ ތެލުގެ 80 އިންސައްތައަކީ ޑީސަލް ކަމަށާއި ކަރަންޓު އުފެއްދުމަށް ބޭނުންކުރަނީ ރާއްޖެއަށް އެތެރެކުރާ ތެލުގެ 60 އިންސައްތަ ކަމަށް ވިދާޅުވިއެވެ. ބާކީ ތެލަކީ ވެކިކަލްތަކާއި އުޅަނދުތަކާއި އެނޫންވެސް ބޭނުންތަކަށް އެތެރެކުރާ ތެލެވެ.

މިިނިސްޓަރު ވިދާޅުވީ، ތެލަށް ބަރޯސާވުން ކުޑަކޮށް އިޔާދަކުރަނިވި ހަކަތައަށް ބަރޯސާވާ މިންވަރު އިތުރުކުރުމުން މާލީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

"ގައުމަކަށް ކަރަންޓު އަގުހެޔޮކުރެވިގެން އިގްތިސޯދު ކުރިއަށްދާނީ" މިނިސްޓަރު ވިދާޅުވިއެވެ.

އިޔާދަކުރަނިވި ހަރަކަ އުފެއްދުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ބޭރުގެ އެހީތައް ލިބޭނެ ކަން ޔަގީންކުރައްވާ ކަމަށާއި އެކަމަށް ސަރުކާރުންވެސް ބޮޑު ހޭދައެއް ކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *