އިންތިހާބާ ގުޅޭ ގައިޑްލައިން ބަދަލު ކުރަން އެއްބަސްވެއްޖެ

އިންތިހާބާ ގުޅޭ ގައިޑްލައިން ބަދަލު ކުރަން އެއްބަސްވެއްޖެ

ލޯކަލް ކައުންސިލް އިންތިހާބަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަދާފައިވާ ގައިޑްލައިނާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) ފާޅުކުރަމުން ގެންދިޔަ ކަންބޮޑުވުންތައް ބަލައިގަނެ، އެ ގައިޑްލައިން އަލުން ބަދަލު ކުރަން އެޗްޕީއޭއިން ނިންމައިފިއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ބާއްވާ ނަމަ އެޗްޕީއޭ އިން ހާއްސަ ގައިޑްލައިނެއް އެކުލަވާލަން ޖެހޭ ކަމަށް ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގައި ބުނެފައިވެ އެވެ. ނަމަވެސް އެޗްޕީއޭ އިން ގައިޑްލައިން ގެޒެޓުކުރި ދުވަހުން ފެށިގެން އީލެކްޝަންސް ކޮމިޝަނުން އަންނަނީ އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ މައްސަލަ ތެރެއަށް ރައްޔިތުންގެ މަޖިލީހުން ވަދެ، އެޗްޕީއޭ އާއި އީސީ ހާޒިރުކޮށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގައި އީސީން ވަނީ އެ ކޮމިޝަންގެ ހުރިހާ ޝަކުވާތަކެއް ކޮމިޓީއާއި ހިއްސާކޮށްފައެވެ.

ކޮމިޓީގައި އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެޗްޕީއޭ އިން ހެދި އާ ގައިޑްލައިންތަކުގައި އިންތިހާބަށް ވަކި ހާއްސަ ލުއިތަކެއް ދީފައި ނުވާ ކަމަށާއި އެކުލަވާލާފައިވާ އުސޫލުތަކަކީ މިހާރު ވެސް އަމަލު ކުރަމުން އަންނަ ކޮވިޑް-19 އާ ގުޅޭ އާންމު އުސޫލުތައް ކަމަށެވެ. އޭގެ ސަބަބުން ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު މިނިވަން އިންތިހާބެއް ބޭއްވުމަށް ހުރަސްއެޅޭ ކަމަށާއި ދައުލަތަށް ވެސް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އޭގެ އިތުރުން ކެނޑިޑޭޓަކު ބޭނުންވެއްޖެ ނަމަ އިންތިހާބާ ގުޅޭ ގޮތުން ޝަކުވާ ކޯޓަށް ހުށަހަޅައިގެން އަލުން އިންތިހާބު ބާއްވަން ޖެހޭ ފަދަ ހާލަތަކަށް ވެސް އާދެވިދާނެ ފަދަ ގޮތަކަށް އުސޫލު އޮތް ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ރާއްޖެއިން ބޭރުގައި ވެސް އިންތިހާބު ބާއްވާފައި ހުރި ގައުމުތަކުގައި އިންތިހާބު ބޭއްވިފައި ވަނީ ޕެންޑަމިކާ ގުޅިގެން ހުރި ރެސްޓްރިކްޝަންތަކަށް ދޫތަކެއް ދެވިގެން. ހާއްސަކޮށް ސްރީ ލަންކާގެ ރައްޔިތުން މަޖިލީހުގެ އާންމު އިންތިހާބު ބޭއްވީ ވެސް ބޮޑެތި ލުއިތަކެއް ދީގެން،" އޭނާ ވިދާޅުވި އެވެ.

އިލެކްްޝަންސް ކޮމިޝަނުން ހުށަހަޅާފައިވާ ބައެއް ޝަކުވާތައް:

– ކެމްޕެއިނަށް 28 ދުވަހުގެ މުއްދަތެއް ދޭން ޖެހޭއިރު ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ލިބޭ ގޮތް ތަނަވަސްވެފައި ނެތުމާއި ކެމްޕެއިން ކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ދީފައި ނުވުން.

– ބައެއް ރިސޯޓުތަކާއި ސަފާރީތަކުގައި ތިބޭ މުއައްޒަފުން ވޯޓުލާން ދެވޭނެ ގޮތެއް ނެތުމާއި ކަރަންޓީނަށް ލުއިތަކެއް ދީފައި ނުވުން.

– ޕޮޒިޓިވްވެފައި ތިބި މީހުންނާއި ކަރަންޓީނުގައި ތިބި މީހުން ހުރި ތަނެއްގައި ހުރެގެން ވޯޓުލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމާއި އެ މީހުންނަށް ވޯޓު ލެވޭނެ ރަނގަޅު ގޮތްތަކެއް ކަނޑައަޅާފައި ނުވުން.

– ވޯޓު ފޮއްޓެއް ކައިރީ އޮފިޝަލުންނާއި އޮބްޒާވަރުންނާއި މޮނިޓަރުން ތިބެވޭ އަދަދު މަދުވުން.

– ޓްރެއިނިން ދިނުމަށް ރަށްރަށް ފޮނުވާ އީސީގެ އޮފިޝަލުންނަށް ވެސް ކަރަންޓީނު ވުމުގައި ލުއިތަކެއް ލިބިދީފައި ނެތުން.

– މޮނިޓަރިންގައި ހުރި ރަށަކަށް އެރޭނެތޯ ނުވަތަ ނޫންތޯ ގައިޑްލައިންގައި ކަނޑައަޅާފައި ނެތުން.

އީސީގެ މި ކަންބޮޑުވުންތައް ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ގަބޫލު ކުރެއްވި ނަމަވެސް އެޗްޕީއޭ އިން ހެދި ގައިޑްލައިން ދިފާއުވެސް ކުރެއްވި އެވެ.

މައިމޫނާ ވިދާޅުވީ ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނުގެ ދަށުން ގައިޑްލައިނެއް ކަނޑައަޅަން ޖެހުނީ ރައްކާތެރި ކަމަށް ބާރު އެޅުމުގެ ގޮތުން ކަމަށާއި ކޮވިޑް-19 ގެ ހާލަތު ބަދަލުވަމުން އަންނައިރު، މިހާރު ވެސް އޮތީ އިތުރަށް ފިޔަވަޅު ވަރުގަދަ ކުރަން ޖެހޭ ހާލަތެއްގައި ކަމަށެވެ.

ކަރަންޓީން ކުރުން ފަދަ ކަންކަމަކީ މިހާރު ވެސް 10 ދުވަހަށް ކުރުކޮށް ލުއި ދީފައިވާ ކަމެއް ކަމަށާއި އިތުރަށް މުއްދަތު ކުރު ކުރުމުން ފެތުރުމުގެ ރިސްކު އޮތް މިންވަރު ބޮޑުވާނެ ކަމަށް މައިމޫނާ ވިދާޅުވި އެވެ.

ޕޮޒިޓިވްވާ މީހުން އެއްތަނުން އަނެއް ތަނަށް ބަދަލު ކުރުމަކީ ވެސް ރައްކާތެރި ކަމެއް ނޫންކަމަށާއި ޓްރެއިނިންތައް ވެސް ކުރިން އޮތް ގޮތަށް ދޫކޮށްލައިފި ނަމަ ނުރައްކާ ބޮޑުވުން އެކަށީގެންވާ ކަމަށްވެސް މައިމޫނާ ވިދާޅުވި އެވެ.

މައިމޫނާ ވިދާޅުވީ މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށަށް ލަފާފުރުން މަނާ ކުރަނީ ވެސް ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑުވުމުން ކަމަށެވެ. ނަމަވެސް އެފަދަ ރަށްރަށުގައި އިންތިހާބު ބާއްވާނެ ގޮތްތަކާ މެދު އިތުރަށް ވިސްނާ ގޮތެއް ނިންމަވާނެ ކަމަށް މައިމޫނާ ވިދާޅުވި އެވެ.

އީސީގެ ކަންބޮޑުވުންތަކާއި އެޗްޕީއޭ އިން ދިފާއުގައި ދެއްކެވި ވާހަކަތައް އަޑު އެހުމަށް ފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުން ވެސް ވަނީ ބައެއް ކަންބޮޑުވުންތައް ފާޅުކުރައްވައިފަ އެވެ. އަދި އީސީގެ ކަންބޮޑުވުންތައް ރަނގަޅު ކަމަށާއި އެކަމަށް ހައްލެއް ގެނެސް ގައިޑްލައިނަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކޮމިޓީގެ މެންބަރުން އިއްތިފާގުވެ އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އީސީ އާއި އެޗްޕީއޭ އަލުން ވަކިން ބައްދަލުކޮށް މަޝްވަރާކޮށްގެން ދެ ފަރާތަށް އެއްބަސްވެވޭ ގޮތަކަށް ގައިޑްލައިން ބަދަލު ކުރުމަށް ކޮމިޓީން އެދިފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *