މި ސަރުކާރު ނިމުމުގެ ކުރިން މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓް އިމާރާތްކުރާނެ ކަމަށާއި އެ ފްލެޓްތަކުގެ ސައިޒު ބޮޑުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިން ޕްރޮގްރާމްގައި ރޭ މާލޭގެ އެމްޑީޕީ ކެނޑިޑޭޓުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މާލޭގައި މިހާރުން މިހާރަށް ބޯހިޔާވަހިކަން ބޭނުންވާ 17000 އާއިލާއެއް އެބަތިބި ކަމަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ވައުދުވެފަ ވާނީ މާލޭ ސަރަހައްދުގައި 10،000 ހައުސިން ޔުނިޓް ހެދުމަށް ކަމަށާއި އޭގެ ތެރެއިން 5000 ހައުސިން ޔުނިޓްގެ މަސައްކަތް މި އަހަރު ތެރޭ ފެށޭނެ ކަމަށެވެ. އަދި ބާކީ ހުރި ހައުސިން ޔުނިޓްތައްވެސް ކުރިއަށް އޮތް އަހަރު ތެރޭގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މިހާރުވެސް 1000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އިތުރު 2000 ހައުސިން ޔުނިޓް ހެދުމަށް އިންޑިއާގެ ކުންފުންޏާކާއެކު ސޮއި ކުރެވިފައިވާ ކަމަށާއި އަދި އިތުރު 2000 ހައުސިން ޔުނިޓް ހެދުމަށް މިއަދު ސޮއި ކުރެވިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އޭގެ އިތުރުން މާދަމާ 2000 ހައުސިން ޔުނިޓެއްގައި ސޮއި ކުރެވިގެން އެބަދޭ. މިއީ ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑު ހާމަ ކުރި 5000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށިގެން އެދަނީ،" ރައީސް ވިދާޅުވި އެވެ.
ލޯކަލް ޑިވެލޮޕާސް އާ އެކީގައި 180 ޔުނިޓެއް އަންނަ މަހު ހަވާލު ކުރެވޭނެ ކަމަށާއި އަދި އިތުރު 33 ޔުނިޓެއް ވަކިން ހަދަން އެކުންފުންޏާ ހަވާލު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 1700 ހައުސިން ޔުނިޓްގެ މަސައްކަތް ޗައިނާގެ ސައިނޯ ހައިޑްރޯ ކުންފުންޏަކާ ހަވާލު ކުރެވިފައިވާ ކަމަށާއި ޗައިނާގެ ސީއެމްސީއާއެކު 1344 ޔުނިޓް މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި ސްރީލަންކާ ޖެޓް ހޯލްޑިންގްސްއާއެކު 850 ހައުސިން ޔުނިޓް އެޅުމަށް މިހާރު މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިންޑިއާގެ އިތުރު ދެ ކުންފުންޏަކާއެކު 4000 ހައުސިން ޔުނިޓްގެ ހެދުމަށް ވެސް މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށާއި މި އަހަރު ތެރޭގައި އެއްބަސްވުންތަކުގައި ސޮއި ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ހަދާ 115 ހައުސިން ޔުނިޓް މަސައްކަތް މިހާރު ޓެންޑާ ކުރެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"މި ދެންނެވި ޕްރޮޖެކްޓް ތެރޭގައި ހިނގަނީ 13000 ހައުސިން ޔުނިޓް. އަދި އަޅުގަނޑުމެން މި ނިންމަނީ މީގެ ތެރެއަށް 2000 ޔުނިޓް އެޑްކުރަން. އެޑް ކުރީމާ 15000 ހައުސިން ޔުނިޓް މާލެ ސަރަހައްދުގައި އެޅިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
މި މަޝްރޫއުތަކުގެ ތެރެއިން ކައުންސިލް ހައުސިން ޔުނިޓްގެ ގޮތުގައި 3000 ހައުސިން ޔުނިޓް ހަދާނެ ކަމަށާއި އަދި އެފޯޑަބަލް ހައުސިންގެ ގޮތުގައި 5700 ހައުސިން ޔުނިޓް ހެދިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިޑް ރޭންޖްގެ 5500 ހައުސިން ޔުނިޓް އަދި ހައި އެންޑްގެ 3100 ހައުސިން ޔުނިޓް ވެސް ހެދިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުމާލެ އިން ގޯތި ދޫކުރުމުގެ މަޝްރޫއެއް ފެށުމަށް ނިންމާފައިވާ ކަމަށާއި އެކަމުގެ ތަފްސީލް ވަރަށް އަވަހަށް ހިއްސާ ކުރައްވާނެ ކަމަށެވެ.

