ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ގިނަވުމަކީ ރަނގަޅު ކަމެއް ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ނަސީމް މިހެން ވިދާޅުވެފައިވަނީ "ދިވެހިރާއްޖޭގެ އަޑު"އިން ގެނެސްދިން ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ މިހާރު ރާއްޖޭގައި ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ އަދަދު ވެސް އިތުރުކޮށްފައިވާ ކަމަށާއި އެހެންކަމުން ފައްސިވާ މީހުންގެ އަދަދު ގިނަވުން އެއީ ރަނގަޅެއް ކަމަށެވެ. "މިހާރު ހަދާ ޓެސްޓްތައް ވެސް ގިނަވާނެ ކުރިއާއި އަޅައިބަލާއިރު. ސެކަންޑް ވޭވްގައި ކުރިވަރަށްވުރެ މާގިނަ ޓެސްޓްތައް އެބަކުރަން. އެއްބައި ދުވަސްދުވަހު 6000 ޓެސްޓް ވެސް އެބަކުރެވޭ. 5000 ޓެސްޓް ވެސް އެބަކުރެވޭ. އެހެންވީމަ މިކަހަލަ ދުވަސްވަރެއްގައި ޕޮޒިޓިވްވާ މީހުން ގިނަވެސް ވާނެ. އެކަމަކު ޕޮޒިޓިވްވާ މީހުން ގިނަވުމަކީ އަޅުގަނޑުމެންނަށް ލިބޭ ރަނގަޅެއް. ބަލި ކޮންޓްރޯލް ކުރުމަށް ލިބޭ ރަނގަޅެއް. މިއާއި އެކީ އަޅުގަނޑުމެން ވެކްސިން ޕްރޮގްރާމް ކުރިއަށް މިގެންދަނީ. މިހާރު ދިވެހިރާއްޖެ އަކީ ވެކްސިން ޕްރޮގްރާމްގައި ދުނިޔޭގައި އެންމެ މަތީ ގާތްގަނޑަކަށް ހަތަރު ފަސްވަނައިގައި އުޅޭ ގައުމެއް." ނަސީމް ވިދާޅުވިއެވެ.
މިނިސްޓަރ ނަސީމް ވިދާޅުވީ މިހާރު ދުނިޔޭގެ ބައެއް ގައުމުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑްގެ އާވޭރިއަންޓްތައް ވެސް ރާއްޖޭގައި ފެތުރެމުން ދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. "ކޮވިޑަކީ ވަރަށް ކޮމްޕްލިކޭޓެޑް އެއްޗެއް. މިހާރު އަޅުގަނޑު ދެކޭގޮތުގައި ދުނިޔޭގައި އެންމެ އަވަހަށް ފެތުރޭ ކޮވިޑްގެ ބާވަތްތައް ރާއްޖެއަށް އައިސްފައި ހުރުމަކީ ވެސް ވަރަށް އެކަށީގެންވާ ކަމެއް. ވަރަށް ޔަގީންކަމާއިއެކު ސިއްހީ ދާއިރާގެ ބައެއް އިސް ބޭފުޅުން އެބަވިދާޅުވޭ އާވޭރިއަންޓް ރާއްޖެއަށް އައިސްގެންނޭ އުޅެނީ. އެހެންވީމަ ވަރަށް އަވަހަށް ފެތުރޭނެ. ދެން ކުރީގައި އަޅުގަނޑުމެން ނެގި މެޝާސް އާއި މިހާރު ނަގާ މެޝާސް އާއި ތަފާތުވާން އެބަޖެހޭ. މިހެން މިދެންނެވީ އަވަހަށް ފެތުރޭ ވައްތަރެއް އައިސްގެން އުޅޭތީ." ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.
މިދިޔަ މަހު ގިނަ ބަޔަކު ކޮވިޑްގައި ނިޔާވި އެއްސަބަބަކީ އާވެރިއަންޓް ކަމަށް ވެދާނެ ކަމަށާއި، ނަމަވެސް އެކަން ޔަގީން ނުވާކަމަށް ވެސް މިނިސްޓަރ ނަސީމް ރޭގެ ޕްރޮގްރާމްގައި ވިދާޅުވިއެވެ.

