މޯލްޑިވްސް ގޭސް ހިންގެވުމާ ހަވާލުވެ ހުންނެވި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިކްރާމް އަލީއަށް ތުހުމަތު ކުރާ އޮކްސިޖަން ސިލިންޑަރު ގަތުމުގެ ޚިޔާނާތް16 މިލިއަނަށް އަރާކަން އެސްއޯއީ ކޮމިޓީގައި ހާމަކުރި މައުލޫމާތުން އެނގިއްޖެއެވެ.
މޯލްޑިވް ގޭހަށް ތުހުމުކުރަނީ ކޮވިޑް-19 އާ ގުޅިގެން 4،128 އޮކްސިޖަން ސިލިންޑަރު ގެނައުމުގައި ޚިޔާނާތް ހިންގާފައިވާ ކަމެވެ. މި މައްސަލަ އެސްއޯއީ ކޮމިޓީއަށް ހުށަހެޅީ ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި މީގެކުރިން އެކުންފުނިން ސަސްޕެންޑްކޮށްފައިވާ އިކްރާމަށް ތުހުމަތުކޮށެވެ.
މި މައްސަލައިގައި އެންމެ ބޮޑު ތުހުމަތަކަށް އިކްރާމްގެ މައްޗަށް ކުރަނީ އޮކްސިޖަން ސިލިންޑަރު ގަތުމަށް ހަވާލުކުރި ކުންފުނީގެ ހިއްސާދާރަކު ޚަރަދުކޮށްގެން އިކްރާމް ސިންގަޕޫރަށް ދަތުރެއް ކުރައްވާފައި ވާކަމެވެ. އަދި ލިޔެކިޔުމުން އެ ހަރަދުތައް ފެންނަން އެބައޮތެވެ.
މޯލްޑިވް ގޭހުން 47 ލީޓަރުގެ އޮކްސިޖަން ސިލިންޑަރުތައް ހޯދަން ކޯޓޭޝަން ފޮނުވީ ބޭރުގެ ހަ ކުންފުންޏަކަށެވެ. އޭގެތެރެއިން ކުރިމަތިލީ އެއް ކުންފުންޏަށް 1،000 ސިލިންޑަރު ގަންނަން ހަވާލުކޮށް ބާކީ 3،000 ސިލިންޑަރު ގެނައުމަށް އެއްބަސްވީ ސިންގަޕޫރުގެ ޕްރޯބިޒް ކިޔާ ކުންފުންޏަކާ އެކުގަ އެވެ. އަދި އެކުންފުނިން ފޮނުވާފައިވާ ރީފާބިޝްޑް ސިލިންޑަރުތައް ބޭނުމެއް ނުކުރެވެ އެވެ.
ކޮމިޓީން ބަލަމުންގެންދާ ޚިޔާނާތުގެ މައްސަލައިގެ ތަފްސީލް
– ހަ ކުންފުންޏަކަށް ކޯޓޭޝަން ހޯދަން ހުށަހެޅީ 4،128 އޮކްސިލިންޑަރު ގަތުމަށް.
– އޭގެތެރެއިން 3،000 ސިލިންޑަރު ގަތުމަށް ހަވާލުކުރީ އަގު ބޮޑުކޮށް ހުށަހެޅި ކުންފުންޏާ.
– އެ ކުންފުނީގެ ހިއްސާދާރަކާ އެކީގައި ޑީއެމްޑީ އަލީ އިކްރާމް ސިންގަޕޫރަށް ދަތުރެއް ކުރެއްވި.
– އެ ދަތުރުގައި ދެކޮޅު ޓިކެޓަށް ފައިސާ ދެއްކީ އޮކްސިޖަން ސިލިންޑަރު ގަންނަން ހަވާލުކުރި ކުންފުނީގެ ހިއްސާދާރު.
– އޮކްސިޖަން ސިލިންޑަރުގެ ވިޔަފާރީގައި އުޅޭ ކުންފުންޏަކަށް ނުވާތީ ޕްރޮކިއުމެންޓް މެނޭޖަރު ދެކޮޅު ހެދުމުން އޭނާ ބަދަލުކުރި.
ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް، މައްސަލައިގެ ތަފްސީލް ކޮމިޓީއާ ހިއްސާކުރައްވަމުން ވިދާޅުވީ ޕްރޯބިޒްގެ އަގު އެހެން ކުންފުނިތަކަށް ވުރެން ބޮޑު ކަމަށެވެ. އެ މީހުންނާ އެ ސިލިންޑަރުތައް ހަވާލުކުރަން ޖެހޭ ސަބަބެއް ކަމަށް އިކްރާމް އިރުޝާދު ދެއްވާފައި ވަނީ އަގު ބޮޑުވިޔަސް ވަރަށް އަވަހަށް ބޭނުން ވާތީ ކަމަށް ކޮމިޓީއަށް ލިބުނު ލިއުންތަކުން އެނގޭ ކަން އިލްޔާސް ވިދާޅުވެފައިވެއެވެ.
"މިކޮޅުން [ގޭހުން] ދިން ޖަވާބެއް ނެތް ލިޔެކިޔުމަކުން ފެންނާކަށް. އެކަމަކު ސިލިންޑަރުތަކުގައި މައްސަލައެއް ދިމާނުވާނެ ކަމުގެ ގެރެންޓީ ދީފައި އޮތް އީމެއިލެއް ގޭހަށް ފޮނުވާފައި އިނދޭ،" އިލްޔާސް ވިދާޅުވި އެވެ.
ފުރަތަމަ 1،000 ސިލިންޑަރު ގަނެފައި ވަނީ ސިލިންޑަރަކަށް 253 ޑޮލަރަށެވެ. މިއީ އާ ސިލިންޑަރުތައް ކަމަށް ބެލެވޭ ކަމަށާއި އެކަން ކޮމިޓީން އިތުރަށް ޔަގީންކުރާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ. އެކަަމަކު 3،129 ސިލިންޑަރަކީ ބާ އެއްޗިއްސެވެ. މާލެއާ ހަމައަށް ގެނެސްފައި ވަނީ އެއްޗެއް 224 ޑޮލަރަށެވެ.
ކޮމިޓީގައި އާއްމުވި މައުލޫމާތުން އެނގެނީ އޮކްސިޖަން ސިލިންޑަރުތައް ގަތުމަށް އެ ކުންފުންޏާ ހަވާލުކުރުމުގެ ކުރިން އިތުރު މީހަކާ އެކުގައި އިކްރާމް ވަނީ ސިންގަޕޫރަށް ދަތުރެއް ކުރައްވައިފަ އެވެ. ޑީއެމްޑީގެ ދަތުރަށް ދިވެއްސަކު ފައިސާ ދައްކާފައިވާ އިރު އެ މީހާ އަކީ ސިންގަޕޫރުގެ ޕްރޯބިޒް ކުންފުނީގެ ހިއްސާ އޮންނަ ޑައިރެކްޓަރެކެވެ. މި ދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޑީއެމްޑީއާ އެކުގައި ވަޑައިގެންނެވި ނަމަވެސް، އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން ކޮމިޓީގައި މުގައްރިރު އެ މެންބަރުގެ ނަމެއް ހާމައެއް ނުކުރައްވަ އެވެ.
މި މައްސަލައިގައި ހުށަހެޅި ލިއުންތައް އިތުރަށް ދިރާސާކޮށް އިތުރު ބައްދަލުވުމެއް ބާއްވާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

