އިންޓަޕޯލްއާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން ގެއްލުމުން ނުވަތަ ވަގަށް ނެގުމުން ނުވަތަ އެހެނިހެން ސަބަބަކާއި ގުޅިގެންވެސް ކެންސަލު ކުރެވޭ ޕާސްޕޯޓާއި ދަތުރުކުރުމުގެ އެހެނިހެން ލިޔުންތައް އިންޓަޕޯލްއާ ހިއްސާ ކުރަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފި އެވެ.
އިމިގްރޭޝަނުން ބުނީ ދިވެހީން ދަތުރު ކުރުމަށް ދޫކުރެވޭ ޕާސްޕޯޓު އާއި ދަތުރު ކުރުމުގެ ވަގުތީ ލިޔުން ގެއްލިގެން ނުވަތަ ވަގަން ނެގުމާއި ގުޅިގެން ރިޕޯޓު ކުރުމުން އެ މައުލޫމާތު އިންޓަޕޯލްގެ "ސްޓޯލަން އެންޑް ލޮސްޓް ޓްރެވަލް ޑޮކިއުމެންޓް" (އެސްއެލްޓީޑީ) ޑޭޓާބޭސްގައި މިމަހުގެ 25 އިން ފެށިގެން ހިމަނަމުން ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެސްއެލްޓީޑީގައި ޕާސްޕޯޓު ގެއްލިފައިވާ ކަމަށް ނަވަތަ ވަގަށް ނަގާފައިވާ ކަމަށް މައުލޫމާތު ހިމެނުމުން އިންޓަޕޯލުގެ މެމްބަރުންގެ ގޮތުގައިވާ 194 ގައުމަކަށް އެ މައުލޫމާތު ފެންނަން ހުންނާނެއެވެ.
އިމިގްރޭޝަނުން ބުނީ ޕާސްޕޯޓު ގެއްލިގެން ނުވަތަ ވަގަށް ނެގުމާ ގުޅިގެންް ރިޕޯޓު ކުރާ ވަގުތުން ފެށިގެން ޕާސްޕޯޓަކީ ދަތުރު ކުރުމަށް ބޭނުން ކުރެވޭ ސައްހަ ލިޔެކިއުމަކަށް ނުވާތީވެ، ރިޕޯޓު ކުރާ ފަހުން ޕާސްޕޯޓު ފެނިއްޖެ ހާލަތެއްގައި ވެސް ރާއްޖެ އާއި އަދި ރާއްޖެ އިން ބޭރުގެ ގައުމުތަކުން އެތެރެވެ ބޭރުވުމަށް ސައްހަ ލިޔެކިއުމެއްގެ ގޮތުގައި އެފަދަ ޕާސްޕޯޓެއް ބޭނުން ނުކުރެވޭނެ ކަމަށެވެ.
އެހެންކަމުން ޕާސްޕޯޓު ފެނިގެން އެ ޕާސްޕޯޓު ދަތުރު ކުރުމަށް ބޭނުން ކޮށްފިނަމަ، ރާއްޖެ އާއި އަދި ރާއްޖެއިން ބޭރުގެ ގައުމުތަކުގެ އިމިގްރޭޝަނުން ހުއްޓުވަމުން ދާނެ ކަމަށް ބުންޏެވެ. އިމިގްރޭޝަނުން ވަނީ ގެއްލިގެން ނުވަތަ ވަގަށް ނެގުމާއި ގުޅިގެން ރިޕޯޓު ކުރުމަށްފަހު ޕާސްޕޯޓު ފެނިއްޖެ ހާލަތެއްގައި، ކުރިމަތިވެދާނެ އުނދަގޫ ހާލަތަކުން ރައްކާތެރިވުމަށްޓަކައި އެފަދަ ޕާސްޕޯޓު ދަތުރުފަތުރު ކުރުމަށް ބޭނުން ކުރުމުގެ ބަަދަލުގައި އިމިގްރޭޝަނާ ހަވާލުކުރުމަށް އަންގައިފަ އެވެ.

