ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗް.ޕީ.އޭ) ގެ ލަފަޔާއެކު ރާއްޖޭގައި ފުޓުބޯޅަ މެދު ކެނޑިފައި އޮތުމަށްފަހު، ދިރާގު ދިވެހި ޕްރިމިއާ ލީގު އަލުން ފެށުމަށްޓަކައި، ކްލަބުތަކުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވެކްސިން ޖަހަން ހަމަޖައްސައިފިއެވެ.
ކޮވިޑް-19 ގެ އާ ވޭރިއެންޓެއް ފެނި، ތިންވަނަ ރާޅެއްގެ ބިރު އުފެދެން ފެށުމާއެކު އެޗްޕީއޭ އިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ ހުރިހާ ކުޅިވަރު މުބާރާތްތައް ހުއްޓާލަން ނިންމީ މިމަހުގެ ތިންވަނަ ދުވަހުއެވެ. ލީގް ހުއްޓާލުމުން ކުޅުންތެރިންނަށް ކުރިމަތިވި ދަތިތަކާ ގުޅިގެން ލީގް އަލުން ފެށުމުގެ ހުއްދަ ދިނުމަށް އެދި ކުލަބުތަކުންނާއި ކުޅުުންތެރިން އަދި ކޯޗުންވެސް ވަނީ އެކަމުގައި ބޮޑެތި ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިގޮތުން ކުލަބުތަކުންް އެންމެ ބޮޑަށް ފާހަގަކުރި މައްސަލަތަކުގެ ތެރޭގައި ފުޓުބޯޅައިން އާމްދަނީ ހޯދާ ކުޅުންތެރިންނަށް ދިމާވެފައިވާ ދަތިތަކެވެ. ކުޅުންތެރިންނަށް މުސާރަ ދެނީ އެ ކުޅުންތެރިން ކުލަބުގެ ޕްރެކްޓިހަށް ނުކުމެ ކުރާ މަސައްކަތަށެވެ. ކުލަބު ތަކުން ބުނިގޮތުގައި، ވެކްސިން ޖަހައިގެންވެސް ލީގް އަލުން ފަށަން ކުލަބުތަކުން ތިބީ ތައްޔާރަށް ކަމަށެވެ.
ލީގު އަލުން ފެށޭނެ ގޮތެއް ހޯދުމަށް އެފްއޭއެމް އާއި ޔޫތު މިނިސްޓްރީންވެސް މަސައްކަތްތަކެއް ކޮށްފައިވާއިރު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވެފައި ވަނީ ލީގުގެ ކުޅުން އަލުން ފެށުމަށް ކުޅުންތެރިންނާއި އޮފިޝަލުންނަށް ވެކްސިން ދިނުން މިއަދު ފެށޭނެ ކަމަށާއި، އެކަން ފަހިކޮށްދިނުމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމްގެ އިތުރުން ޒުވާނުންގެ ވަޒީރު އަހުމަދު މަހުލޫފް ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާ ކަމަށެވެ.

