ފުވައްމުލަކުން އިތުރު ތިން މީހަކު ޕޮޒިޓިވްވެއްޖެ އެވެ. މިއަދު ޕޮޒިޓިވް ވެފައިވަނީ ހަތެއް ފެބްރުއަރީގައި ނެގި ރެންޑަމް ސާމްޕަލް އިން ޕޮޒިޓިވްވި ދުބާއީ ކުލަސްޓާއާ ގުޅުން ހުރި މީހުންގެ ތެރެއިން އިތުރު ތިން މީހެކެވެ. އެއާއެކު މިހާރުވަނީ އެ ކުލަސްޓާއިން ޕޮޒިޓިވްވި މީހުންގެ އަދަދު ހަތަރަކަށް އަރާފައެވެ.
ފުވައްމުލަކުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ދެ މީހެކެވެ. އެމީހުން ޕޮޒިޓިވްކަން އެނގުނީ މިމަހުގެ ހަތް ވަނަ ދުވަހު އެ ސިޓީގައި ކޮވިޑު ފެތުރިފައިވޭތޯ ބެލުމަށް ނެގި ރެންޑަމް ސާމްޕަތަކުންނެވެ. ނަމަވެސް އިއްޔެ ޕޮޒިޓިވްވި ދެ މީހުންގެ ތެރެއިން އެކަކުގެ ސާމްޕަލްގައި މައްސަލައެއް އުޅޭކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ފާހަގަވެގެން، އެ އެޖެންސީގެ އެންގުމުގެ މަތިން އަލުން ސާމްޕަލް ނަގައި ޓެސްޓު ހެދި އިރު، އޭނާ ވަނީ ނެގެޓިވްވެފަ އެވެ.
ރެންޑަމް ސާމްޕަލް ނަގާފައިވަނީ އާންމުންނާ ގިނައިން ބައްދަލުވެ އުޅޭ މީހުންގެ ފަރާތުންނެވެ. އެހެންކަމުން އެ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭތީ، ސިޓީ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

