ރައީސް މައުމޫން އަބްދުލްގައްޔޫމައި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކޮވިޑު ވެކްސިން ޖައްސަވައިފި އެވެ. ވެކްސިން ޖައްސަވަނިކޮށާއި ވެކްސިން ޖެހުމަށް ގޮވާލައި ހަދާފައިވާ ބޯޑަކާއެކު ނަންގަވާފައިވާ ފޮޓޯއަކާއެކު ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމަނިކުފާނާއި އަނބިކަނބަލުން ނަސްރީ ސެނަހިޔާ ހޮސްޕިޓަލުން މިއަދު ވެކްސިން ޖައްސަވާފައިވާ ކަމަށެވެ.
ރާއްޖޭގައި ވެކްސިން ދޭން ފެށީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ރާއްޖޭގައި ޖަހަމުން ދަނީ އޮކްސްފޯޑާއި އެކްސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން އެވެ. މިއީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދައި، ރާއްޖެއަށް ހަދިޔާކުރި އެއް ލައްކަ ޑޯޒެވެ. އެ ވެކްސިންގެ ދެ ޑޯޒު ޖަހަން ޖެހޭނެ އެވެ.
ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިން ކެމްޕޭނުގެ ތެރެއިން އިއްޔެގެ ނިޔަލަށް ޖުމުލަ 16،251 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ. އެއީ މާލެ ސަރަހައްދުން 13،418 މީހަކަށާއި އަތޮޅު ތެރެއިން 2،833 މީހަކަށެވެ.

