ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ބޭނުން ވެގެން ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީ ކުންފުންޏަކާ ޙަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވިގެން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ހިންގި ތަޙުގީގާބެހޭ އިތުރު މަޢުލޫމާތު ޕްރޮސިކިއުޓާ ޖެނެރަލްއަށް ނުދީ ސިއްރުކުރާ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަންގަވއިފިއެވެ.
ނަމަވެސް އެ މައްސަލައިގައި ދައުވާ ކުރާނެ ހެއްކެއް ގަރީނާއެއް ނެތް ކަމަށް ވިދާޅުވެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވަނީ ހަމަ އެ މަހު އެ މައްސަލައިގެ ރިޕޯޓު އަނބުރާ ފޮނުވާލައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިިލިސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުން އެގޮތަށް ނިންމައި ޕްރޮސިކިއުޓާ ޖެނެރަލް ޙުސައިން ޝަމީމަށް އެންގުމުން އެ މައްސަލައާބެހޭ އިތުރު މައުލޫމާތު ހޯދުމަށް މިދިޔަ ނޮވެމްބަރު 9 ވަނަ ދުވަހު ޕީޖީއިން އޭސީސީ އާއި ފުލުހުންނަށް ސިޓީ ފޮނުވި ކަމަށެވެ. ނަމަވެސް މިއަދާ ހަމަޔަށް ވެސް ޕީޖީން އެދިފައިވާ ގޮތަށް ފުލުހުންނާއި އޭސީސީން ވެސް ޖަވާބު ދީފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން "އަޅުގަނޑު ޖުޑީޝަރީ ކޮމިޓީގައި މި އެދެނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާއި ފުލުހުންގެ ކޮމިޝަނަރާއި، ދެބޭފުޅުން ކައިރީ އަނެއްކާ ވެސް އައްސަވައިގެން ސާފުކުރައްވަން، އެބޭފުޅުން އެ މައުލޫމާތު ސިއްރު ކުރައްވައި ޕްރޮސިކިއުޓާ ޖެނެރަލަށް އެ މައުލޫމާތު ނުދެއްވައި އެ ތިއްބެވީ ކޮން ސަބަބަކަށްޓަކާ ތޯ ސާފުކުރުން. އެހެންވެ އެ ބޭނުމަށްޓަކައި މި ދެ ސިޓީ އަނބުރާ ޖުޑީޝަރީ ކޮމިޓީއަށް އެބަ ފޮނުވަން،" ކަމަށެވެ.

