ޚާއްސަ ހުއްދައިގެ ދަށުން ގދ. ތިނަދުއަށް ދިޔަ ޖެންޑާ މިނިސްޓްރީގެ ދެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވީ އެޗްޕީއޭގެ ޚާއްސަ ހުއްދައިގެ ދަށުން އޮފީސް މަސައްކަތެއްގައި އެރަށަށް ދިޔަ ޖެންޑާ މިނިސްޓްރީގެ ދެ މުވައްޒަފަކު އެނބުރި މާލެ އައިފަހުން ކޮވިޑަށް ޕޮޒޓިވް ވެފައިވާ ކަމަށެވެ.
އެމީހުންނާ ދިމާވީ ރަށުގެ ކޮންބަޔެއްތޯ ބެލުމަށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި ގިނަ ބަޔަކާއި އެމީހުން ބައްދަލުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އަމްޖަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ދެމުވައްޒަފުން ތިބީ އެރަށު ގެސްޓްހައުސްއެއް ގައި ކަމަށެވެ.
ތިނަދޫ މޮނީޓަރިން އަށް ލާފައިވަނީ ބަލި އޮތްތޯބަލައި، ކޮންޓެކްޓް ޓްރޭސިން ހެދުމަށެވެ. މި ހާލަތުގައި އެރަށަށް އަރައިފޭބުން މަނާވާނެއެވެ.
ކޮވިޑު ފެތުރުން ކޮންޓްރޯލު ކުރުުމަށް މިމަހުގެ ހަތަކުން ފެށިގެން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކުއެޅުން މަޖުބޫރުކޮށް އެކަން ތަންފީޒުކުރަން ވަނީ ނިންމައިފައެވެ.
މީގެ އިތުރުން ހާއްސަ ހުއްދައިގެ ދަށުން ރަށްރަށަށް ދާ މީހުންވެސް 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓެއް ހަދައިގެން ނޫނީ ދަތުރު ނުކުރެވޭގޮތަށް ވަނީ ބަދަލުކޮށްފައެވެ.

