އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާއިން ރާއްޖެއާއި އިންޑިއާގެ މުމްބާއީ އަދި ދިއްލީއާ ދެމެދު ކޮންމެ ދުވަހަކު ދަތުރު ބާއްވަން ނިންމައިފިއެވެ.
އިންޑިއާގެ ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ދިއްލީ އާއި މުމްބާއީއިން މާލެއަށް އަލަށް ފަށާ ފްލައިޓްތަކުގެ ސަބަބުން ކަނެކްޓިވިޓީ އިތުރުވެ ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް އަވަސް އަދި ފަސޭހަ ދަތުރުތަކެއް ކުރެވޭނެ އެވެ.
އެގޮތުން ދިއްލީއިން ޒިޔާރަތްކުރާ ފަރާތްތަކަށް ފްލައިޓް ފުރާނީ ހެނދުނު 10:15 (ފްލައިޓް އޭއައި 2273) ގައި ކަމަށާއި މާލެ އަންނާނީ މެންދުރު ފަހު 1:50 ގައި (4 ގަޑިއިރު) ކަމަށް ބުނެފައިވެއެވެ.
ރިޓާން ފްލައިޓް، އޭއައި 2274، މެންދުރު ފަހު 2:50 ގައި މާލެއިން ފުރައިގެން ދިއްލީއަށް ޖައްސާނީ ރޭގަނޑު 7:25 ގަ އެވެ. މުމްބާއީއިން ފުރާ ފްލައިޓް އޭއައި 2271 ހެނދުނު 9:30 ގައި ފުރުމަށް ހަމަޖެހިފައިވާއިރު، އެނބުރި ދާ ފްލައިޓް، އޭއައި 2272، މެންދުރު 12:50 ގައި މާލެއިން ފުރާނެ އެވެ.
ގިނަ ދިވެހިން އެކި ބޭނުންތަކަށް އިންޑިއާއަށް ދަތުރުކުރާއިރު، ރާއްޖެއަކީ އިންޑިއާ ފަތުރުވެރިން ވެސް ގިނަ އަދަދަކަށް ޒިޔަރާތް ކުރާ ގައުމެކެވެ. މިވަގުތު އިންޑިއާ އުޅެނީ ރާއްޖޭގެ ހަވަނަ މާކެޓުގެ ގޮތުގައެވެ. އެ ގައުމުން މިއަހަރު މިހާތަނަށް 115،011 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

