ސަރުކާރުން މަސްވެރިންނާ އަދި ކެޔޮޅުންނާ ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެގޮތަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ އިއްޔެ ރައީސް އޮފީހުގައި ކެޔޮޅުންނާ ބައްދަލުކުރެއްވުމަށްފަހުގައެވެ. އެ ބައްދަލުކުރެއްވުމުގައި ކެޔޮޅުން ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ރަނގަޅުކުރުމަށް ބޭނުންވާ ކަންކަން ރައީސް އާއި ހިއްސާކުރައްވާފައެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި މިހާރު ހުރި ކަންބޮޑުވުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައިވެއެވެ. ހަމައެއާއެކު، މަހުގެ އަގު ދަށްކަމާއި، ފައިސާއާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި، މަސް ކިރުމުގައި ހުރި ގޮންޖެހުންތައް ވެސް، ކެއުޅުން ރައީސް އާއި ހިއްސާ ކުރެއްވިއެވެ.
މީގެ އިތުރުން، ރައީސް ވައުދުފުޅާ އެއްގޮތަށް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކެޔޮޅުން އެދިވަޑައިގެންނެވިއެވެ.
މަސްވެރިކަމުގެ ސިނާއަތް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިއެރުވުމަށް ކުރެވިދާނެ ކަންކަން ވެސް ކެޔޮޅުން ހިއްސާކުރިއެވެ. އަދި މަސްވެރިކަމުގެ މާކެޓް އިތުރުކޮށް މަހުގެ ފެންވަރު ނުވަތަ ކޮލިޓީ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރިއެވެ.
"ސަރުކާރުން މަސްވެރިންނާ އަދި ކެޔޮޅުންނާ ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ގޮތަށް މަސައްކަތް ކުރައްވާނެ." ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަން، ވަރަށް ސީރިއަސް ގޮތެއްގައި ބައްލަވައި، އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައެވެ. އަދި މިއަދު ކުރިއަށްދިޔަ ފަދަ ބައްދަލުވުންތައް ގިނަ ގިނައިން ބޭއްވެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

