މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފިއެވެ.
ރައްޔިތުން މަޖިލީހުގެ ޖަލްސާ އާންމު ގޮތެއްގައި ބާއްވަނީ ހަފްތާއަކު ތިން ދުވަހުގައެވެ. އެއީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުގައެވެ. މަޖިލީހުގެ ޖަލްސާ ފަށަނީ ހެނދުނު 9:00 ގައެވެ.
ނަމަވެސް މިއަދު ހެނދުނު 9:00 ގައި މަޖިލީހުގެ ޖަލްސާ ފަށާފައެއްނުވެއެވެ. އަދި މަޖިލީހުގެ އެޖެންޑާ ނުފެންނާތީ އެކަމާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން މަޖިލީހުގެ އިދާރާއިން ވަނީ ޖަލްސާ ދެން އޮންނާނީ މި މަހުގެ 9 އެއްވާ ހޯމަ ދުވަހުގައި ކަަމަށެވެ. މިއަދުގެ ޖަލްސާ ކެންސަލްވި ވަކި ސަބަބެއް އެ އިދާރާއެއް ވިދާޅެއްނުވެއެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި މިއަދު ޖަލްސާ ކެންސަރުކޮށްފައިވަނީ އެޖެންޑާގައި އެއްވެސް މަސައްކަތެއް ނެތުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ އިތުރުކޮށްފައެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި އެގޮތަށް ނިންމެވީ މަޖިލީހުގައި ނިންމަން ހުރި މުހިންމު މަސައްކަތަކެއް ހުރުމުންނެވެ.
ނިންމަން ޖެހޭ މުހިންމު މަސައްކަތްތަކެއް ހުރިކަން މަޖިލީހުގެ ރައީސް އިއުލާނު ކުރެއްވި ނަމަވެސް އެއީ ކޮން މަސައްކަތްތަކެއް ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.

