ބައިނަލްއަޤްވާމީ ކްރެޓިޑް ރޭޓިންގ އޭޖެންސީ މޫޑީސްއިން ރާއްޖޭގެ މާލީ ހާލަތާއި ބެހޭގޮތުން ފާހަގަ ކޮށްފައިވާ ކަންކަން ބަލައިގަނެ، އެކަންކަން ރަނގަޅު ކުރުމަށް ފިޔަވަޅު އަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފާއިތުވި ދުވަސްތަކުގައި މިސަރުކާރުން އަޅާފައިވާ މާލީ އިސްލާހީ ފިޔަވަޅުތަކާއި ގުޅިގެން، އެ ފިޔަވަޅުތައް ފާހަގަކޮށް މޫޑީސްއިން ވަނީ ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން ދަމަހައްޓާފައެވެ. މޫޑީސްއިން ދީފައިވަނީ ސީއޭއޭ2ގެ ރޭޓިންއެވެ.
މިއަދު މޫޑީސްއިން ނެރުނު ބަޔާނުގައި ކްރެޑިޓް ރޭޓިންގ ދެމެހެއްޓުމުގައި ބަލާފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި ރާއްޖޭގެ މާލީ ހާލަތު ކުރިއަށްވުރެ ހަރުދަނާކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކަަށް އަލިއަޅުވާލާފައިވެއެވެ. އެގޮތުން، މަރުކަޒީ ބޭންކް އެމްއެމްއޭއިން އަލަށް ތައާރަފުކުރި ބޭރު ފައިސާއާބެހޭ ގަވާއިދުތަކާއި އަދި ސަރުކާރުން ޓެކްސްއަށް ގެނައި އިސްލާހުތަކުން ބޭރު ފައިސާގެ ރިޒާވް އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް މޫޑީސްއިން އާންމުކޮށް ޝާއިޢުކުރި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މޫޑީސްއިން ވަނީ ކުރިއަށް އޮތް 12-18 މަސްދުވަހުގެ ތެރޭގައި ބޭރުގެ ދަރަނި އަދާކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހޭނެކަމަށް ބެލެވޭއިރު، ބޭރު ފައިސާ ލިބުމަށް ހުރި ދަތިތައް އަދިވެސް ދެމިގެންދާނެކަމަށް ބަޔާންކޮށްފައިވެއެވެ.
މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، މޫޑީސްއިން ފާހަގަ ކޮށްފައިވާ ކަންކަން ބަލައިގަނެ، އެކަންކަން ރަނގަޅު ކުރުމަށް ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ވެސް މިނިސްޓްރީން ވަނީ ދީފައެވެ.
ސަރުކާރުގެ އިގްތިސާދީ ރިފޯމް އެޖެންޑާގެ ދަށުން އިގްތިސާދު ފުޅާވެ، މާލޭ ހާލަތު ރަނގަޅުވަނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ބޭރު ފައިސާގެ ޤަވާއިދަށް ދާދިފަހުން ގެނައި ބަދަލުތަކުގެ ސަބަބުން ބޭންކިންގ ނިޒާމުގެ ތެރޭގައި ބޭރު ފައިސާ ދައުރުވުން އިތުރުވެ، ނެޓް އިންޓަރނޭޝަނަލް ރިޒާވް އިތުރުވެގެންދާނެކަމަށް ބެލެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން ވެސް ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ބޮޑު ކުރުމާއެކު، ބޭރު ފައިސާގެ ލިކުއިޑިޓީ ރަނގަޅުވާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.
ފާއިތުވި މަސްތަކުގައި، ރާއްޖެއަށް ބޭރު ފައިސާގެ ފައިނޭންސިންގ ހޯދުމުގައި ކާމިޔާބީތަކެއް ހާސިލުވެފައިވާ ކަމަށްވެސް މޫޑީސްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ދިވެހިރާއްޖެއާއި އިންޑިއާއާއެކު 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ޤާއިމުކޮށްފައިވުމަކީ ދިވެހިރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކޮށްފައިވާ މުހިންމު ކަމެއްކަމުގައި މޫޑީސްއިން ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ސަރުކާރުން ޓެކްސް ރޭޓުތަކަށް ގެނެސްފައިވާ ބަދަލުތައް ތަންފީޒުވެގެން ދިއުމާއެކު، ބޭރު ފައިސާގެ ރިޒާވް އިތުރުވެގެން ދާނެކަމަށްވެސް އަންދާޒާކޮށްފައިވެއެވެ.

