ފްލެޓްގެ ލިސްޓުގެ ރީ-އިވެލުއޭޝަންގެ މަސައްކަތަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ – ހައުސިން

ފްލެޓްގެ ލިސްޓުގެ ރީ-އިވެލުއޭޝަންގެ މަސައްކަތަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ – ހައުސިން

މިދިޔަ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 4،000 ފްލެޓްގެ ރީ-އިވެލުއޭޝަންގެ މަސައްކަތަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ދެއްވައިފިއެވެ.

މި ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކުރުމަށް އަދި އިތުރު މުއްދަތެއް ބޭނުންވާ ކަމަށް އެ ވުޒާރާއިން މީގެ ކުރިން ވިދާޅުވެފައި ވެއެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްަގއި ވިދާޅުވީ، މި ސްކީމާއި ގުޅިގެން ކުރިއަށްދާ ރީ-އިވެލުއޭޝަންގެ މަސައްކަތްތައްް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ނުފޫޒު ފޯރުވާކަމަށް ބުނެ ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށް، ކަނޑައެޅިގެން ހަގީގަތާއި ހިިލާފަށް ފަތުރާ ހަބަރުތަކެއް ކަމަށެވެ.

"މި ސްކީމާއި ގުޅިގެން ކުރިއަށްދާ ރީ-އިވެލުއޭޝަންގެ މަސައްކަތްތަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނޯފުވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ރައްޔިތުންނަށް އަރުވަމެވެ،". އެ ބަޔާނުގައި ވެއެވެ.

އަދި އެ ވުޒާރާގެ މަގްސަދަކީ މި ސްކީމްގެ ދަށުން ފްލެޓްތައް ލިބިގެންދާނީ އެންމެ ހައްގުވެރި ފަރާތްތައް ކަމުގައި ކަނޑައެޅިގެންދިއުން ކަމަށްވެސް ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުގެ ދައުރުނިމެން ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް ވަނީ ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމު ކޮށްފައެވެ. ލިސްޓު އާންމު ކުރުމާއި އެކީ ގިނަ ބައެއްގެ ޝަކުވާތަކާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އެކަން ހުއްޓުވާފައެވެ. އަދި މިދިޔަ ސަރުކާރުގެ އެ ވުޒާރާއިންވެސް ވަނީ އޭސީސީގެ އެންގުމާއި އެއްގޮތަށް ފްލެޓް ދޫކުރުން މެދުކަނޑާލާފައިވާކަން ހާމަކޮށްފައެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، އޭސީސީން ވިދާޅުވެފައި ވަނީ ކުރީ ސަރުކާރުން ދޫކުރި 4،000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އެހެންނަމަވެސް، ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ރަނގަޅަށް ޕޮއިންޓު ދީފައިވާ މީހުންނަށް ފްލެޓު ދޭން ފަށަން އޭސީސީން ވަނީ އެ ވުޒާރާއަށް ހުއްދަ ދީފައެވެ.

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފްލެޓް އަޅަނީ އިންޑިއާގެ އެގްޒިމް ބޭންކުން 227 މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީއެއް ދިވެހި ސަރުކާރަށް ދީގެންނެވެ.

މިއީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 16 ޓަވަރު އެންބީސީސީން ކުރާ އިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ ޖޭއެމްސީންނެވެ.

މި ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2800 އެޕާޓްމެންޓާއި ދެ ކޮޓަރީގެ 1200 އެޕާޓްމެންޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. ތިން ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ. މިއީ ޖާގަ ތަނަވަސް އެޕާޓްމެންޓްތަކަށް ވާއިރު، އެފްޑީސީން ވިދާޅުވީ އާންމުންނަށް ފެލްޓްތައް ހަވާލުކޮށް، މީހުން ދިރިއުޅެން ފެށުމުގެ ކުރިން ކޮންމެ އިމާރާތެއްގަައިވެސް އަސާސީ ހިދުމަތްތަައް ލިބޭނެ ކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *