ނުހައްގު މަންފާ ހޯދުމަށް ތާއިދުކުރާ މީހުން އަމިއްލަ ރަށް ކަމުގައިވާ ގދ. ތިނަދޫން ފެންނަމުންދާތީ އެކަމާ ހިތާމަކޮށް ދެރަވެ ލަދުވެތިވާކަމުގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ޙިލްމީ ވިދާޅުވެއްޖެ އެވެ.
މެމްބަރު މިހެން ވިދާލުވީ، ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ނުހައްގުން ކަމަށް ބުނެ، އެ ދަރަޖަ ބާތިލްކޮށްދިނުމަށް އެދި ކުރީގެ ޑެޕިއުޓީ މިނިސްޓަރަކު ހައި ކޯޓަށް އެމައްސަލަ ހުށައެޅުމުން އެކަމާ ގުޅިގެން ފޭސްބުކް ގައި ލިޔުއްވި ޕޯސްޓެއްގައެވެ. ސައުދުﷲ ވަނީ މީގެ ކުރިންވެސް ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ނުހައްގުން ކަމަށް ބުނެ ފޭސްުބުކްގައި ޝާއިއުކޮށްފައެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕެއިންގެ ތެރޭގަ އެވެ. އޭރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ތިނަދޫގެ އާބާދީގައި ގާތްގަނޑަކަށް 8،000 އެެވެ. އޭގެ ތެރެއިން ރަށުގައި ދިރިއުޅެނީ 5،000 އެއްހާ މީހުން ކަމަށް ބެލެވެ އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ދިނުމުގައި ބަލާ މިންގަނޑުގެ ތެރޭގައި އާބާދީ 10،000 އަށް ވުރެ ދަށްނުވުން ހިމެނެ އެވެ.އެ ޝަރުތު ތިނަދޫގައި ހަމަނުވާ ކަމަށް ބުނެ ސިޓީގެ ދަރަޖަ ބާތިލުކުރަން ކޯޓަށް ހުށަހެޅުއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބެވެ. ދައުލަތާ ދެކޮޅަށް އޭނާ މި މައްސަލަ ހުށަހެޅުމާ ގުޅިގެން އޭނާ ވަނީ ހަމަ އެ ދުވަހު މަގާމުން ވަކިކޮށްފައެވެ.
ރާގިބު ވިދާޅުވި ގޮތުގައި ތިނަދޫގައި މިހާރު އޮތް އާބާދީގެ އަދަދު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑީއެންއާރްއަށް ހުށަހެޅުމުން އެ ތަނުން ދޫކުރި މައުލޫމާތުން އެނގޭ ގޮތުގައި ވެސް ތިނަދޫގެ އާބާދީއަކީ 7،000 އެވެ.
މެމްބަރު ސައުދު ވަނީ މީގެ ކުރިން ލިޔުއްވި ޕޯސްޓެއްގައިވެސް ވަނީ، ތިނަދޫ ކައުންސިލުން ސިޓީޢެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހެޅި އާބާދީގެ ލިސްޓު ހިއްސާކުރައްވައި، އެ ލިސްޓުގައި ތިނަދޫގައި ދިރިނޫޅޭ މީހުންނާއި ނިޔާވެފައިވާ މީހުންގެ އިތުރުން އެހެން ރަށްރަށުގައި ދިރިއުޅެމުންދާ މީހުންގެ ނަންވެސް ހިމަނާފައިވާތީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ސިޓީއެއްގެ ދަރަޖަ ހޯދުމަށް ރަށު ކައުންސިލުން އޭރު ހުށަހެޅި ލިޔެކިއުންތަކަށް ބަލައި، ސަރުކާރުން އެ ރަށަށަށް ސިޓީއެއްގެ ދަރަޖަ ދިނުމުން ކައުންސިލްގެ މޭޔަރާއި މެމްބަރުންނަށް މުސާރައާ އިނާޔަތްތައް ވަނީ އިތުރުވެގެން ގޮސްފައެވެ. ރަށު ކައުންސިލުން ހުށައެޅި އާބާދީގެ ލިސްޓުގައި މިފަދަ އޮޅުވާލުންތަކެއް ހުރުމުގެ ސަބަބުން އެރަށަށް ސިޓީއެއްގެ ދަރަޖަ ލިބިފައިވަނީ "ހައްގު" ގޮތުގައި ނޫން ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް ތިނަދޫގެ ބައެއް ރައްޔިތުން ބުނަނީ އެއީ ހައްގު ދަރަޖައެއް ކަމަށެވެ.
ސައުދު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އަމިއްލަ ދަރިއަކު ނަމަވެސް އަދި ގާތް ތިމާގެ މީހަކު ކަމުގައި ވީނަމަވެސް މަކަރާއި ޙީލަތުން އޮޅުވާލައިގެން ނުވަތަ ވައްކަން ކޮށްގެން ކިތަންމެ ބައިވަރު ފައިސާ ގެނެސްގެން މުއްސަނދިކަން އިންތިހާއަށް ލިބެން އޮތް ނަމަވެސް އެފަދަ ފައިސާއެއްކަން އެނގޭ ހިސާބުން ފެށިގެން އެކަމާ ދެކޮޅު ހައްދަވާނެ ކަމަށެވެ.
"އެ މައްސަލަ ކަމާ ބެހޭ ފަރާތަށްވެސް ހުށަހަޅާނަން. އެފަދަ ފައިސާ އަކުން އަރާމާއި އުފަލާއި ހިތްހަމަޖެހުން ހޯދުމަށްވުތެ ކާނެ އެއްޗެއް ނުލިބިގެން ބަނޑަށް މަރުވުންވެސް އަޅުގަނޑަށް މާ ރަނގަޅު. މިއާ އިދިކޮޅަށް ކަންކަން ބޭނުންވެގެން އުޅޭ މީހުން މުޖުތަމައު އިން ޚާއްސަކޮށް އަޅުގަނޑުގެ ރަށުން ފެންނަމުންދާތީ ހިތާމަކޮށް ދެރަވެ ލަދުވެތިވަން" ސައުދުﷲ ލިޔުއްވާފައިވެއެވެ.

