ގދ. ތިނަދޫގެ އާބާދީގައި 10،000 ހަމަނުވާތީ އެ ރަށުގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕެއިންގެ ތެރޭގަ އެވެ. އޭރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ތިނަދޫގެ އާބާދީގައި ގާތްގަނޑަކަށް 8،000 އެެވެ. އޭގެ ތެރެއިން ރަށުގައި ދިރިއުޅެނީ 5،000 އެއްހާ މީހުން ކަމަށް ބެލެވެ އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ދިނުމުގައި ބަލާ މިންގަނޑުގެ ތެރޭގައި އާބާދީ 10،000 އަށް ވުރެ ދަށްނުވުން ހިމެނެ އެވެ.
އެ ޝަރުތު ތިނަދޫގައި ހަމަނުވާ ކަމަށް ބުނެ ސިޓީގެ ދަރަޖަ ބާތިލުކުރަން ކޯޓަށް ހުށަހެޅުއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބެވެ.
ރައީސް އޮފީހާ ދެކޮޅަށް ރާގިބު ހުށަހެޅުއްވި މައްސަލައާ ގުޅޭ ގޮތުން އޭނާ ބައެއް މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި އެ މައްސަލަ ކޯޓަށް ވެއްދީ އާބާދީގައި 10،000 ހަމަވާ ކަމަށް ބުނެ ތިނަދޫ ކައުންސިލުން ގެންގުޅެފައިވަނީ އޮޅުވާލާފައިވާ ލިސްޓެއް ކަމަށާއި އެ ލިސްޓް ދިރާސާކުރުމުން ބޮޑެތި މައްސަލަތަކެއް ފާހަގަވި ކަމަށް ބުނެ އެވެ.
އެފަދަ މައްސަލައެއް ކޯޓަށް ވައްދާފައިވާއިރު، ތިނަދޫ ކައުންސިލުން ގެންގުޅެފައިވާ ލިސްޓުގައި މީގެ އެތައް އަހަރެއް ކުރިން މަރުވެފައިވާ މީހުނާއި، ހަމައެކަނި އައިޑީކާޑް ނަންބަރު ބަދަލުކޮށްލާފައި އެއް ނަމެއްގައި މީހުން ތިބުމުގެ މައްސަލަަތައްވެސް ފެންމަތިވެފައި އެބަ ވެއެވެ.
ރާގިބު ވިދާޅުވި ގޮތުގައި ތިނަދޫގައި މިހާރު އޮތް އާބާދީގެ އަދަދު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑީއެންއާރްއަށް ހުށަހެޅުމުން އެ ތަނުން ދޫކުރި މައުލޫމާތުން އެނގޭ ގޮތުގައި ވެސް ތިނަދޫގެ އާބާދީއަކީ 7،000 އެވެ.
އެހެންކަމުން، ގާނޫނުގައިވާ މިންގަނޑަށް ނުފެތެނީސް ތިނަދޫއަށް ސިޓީގެ ދަރަޖަ ދީފައިވަނީ ކައުންސިލުން އޮޅުވާލި ލިސްޓަށް ބަލައިގެން ކަމަށް ރާގިބު ވިދާޅުވި އެވެ. އަދި އެއީ ދައުލަތުގެ ލިޔުމެއް ގަސްދުގައި އޮޅުވާލައި، ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުން ކަމަށްވާތީ ކައުންސިލާއި ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ މައްސަލަ ބަލަން އެދިފައިވާނެ ކަމަށް ރާގިބު ވިދާޅުވި އެވެ.
އޭގެ އިތުރުން ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލުކޮށްދޭން ވެސް މައްސަލައިގައި އެދިފައިވާނެ ކަމަށް ރާގިބު ވިދާޅުވި އެވެ.

