ގާނޫނުއަސާސީއަށް ބަދަލު ގެނައި އިރު، އެންމެ ބޮޑު ކަންބޮޑުވުމަކީ ޕާޓީން ވަކިކޮށްލީމަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އޮތުން ކަމަށް ދަ ޑިކޮމްރެޓްސް އިން ބުނެފިއެވެ.
ޑިމޮކްރެޓްސް އިން މިހެން ބުނެފައިވަނީ، މަޖިލީހަށް މެމްބަރުން އިންތިހާބުވެވަޑައިގަންނަވާ ޕާޓީ ބަދަލު ކުރައްވައިފި ނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު މަޖިލިހުން ފާސްކުރިތާ މާ ގިނައިރުތަކެއް ނުވަނީސް ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ބިލް ތަސްދީގު ކުރެއްވުމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާ ނުލައި ގާނޫނުއަސާސީއަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާތީ ދަ ޑިމޮކްރެޓްސް އިން ކަންބޮޑުވުން ފާޅުކޮށް ނެރުނު އެ ބަޔާނުގައި ބުނެފައިވަނީ އެ ބަދަލުތަކުގެ ތެރޭގައި އެންޓި-ޑިފެކްޝަން އާ ގުޅޭ ނިންމުމެއް ހިމެނޭއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނިސްބަތްވާ ޕާޓީއަކުން އެ މެމްބަރަކު ވަކިކުރުމުން އެ މެމްބަރެއްގެ ގޮނޑި ގެއްލޭނޭކަމަށް ބަޔާންކުރާ ކަމަށެވެ.
އެ ބަޔާނުގައި ބުނީ، އެންޓި-ޑިފެކްޝަން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕާޓީ ބަދަލުކުރުމުން އެ މެމްބަރެއްގެ ގޮނޑި ގެއްލޭނޭ އުސޫލެއް ގާނޫނުއަސާސީގައި ކަނޑައެޅުމަކީ އެ ޕާޓީން ތާއިދުކުރާކަމެއް ކަމަށާއި ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ވާގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލުވާލުމަށް ބޭނުންވެއްޖެ ކޮންމެ ފަހަރަކު ފަސޭހަކަމާއެކު އެ ޕާޓީއަކުން އެ މެމްބަރަކު ވަކިކޮށްލުމުން އެ މެމްބަރެއްގެ ގޮނޑިގެއްލިދާތީ އެއީ ކަންބޮޑުވުމެއް ކަމަށް އެ ބަޔާނުގައިވެއެވެ.
އާންމު ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށްފައިވާ މެމްބަރަކު، ޕާޓީއަކުން ކަނޑާލުމުން އެ މެމްބަރެއްގެ ގޮނޑި އޮޓޮމެޓިކުން ގެއްލިދާގޮތްވުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށް ޑިމޮކްރެޓްސް އިން ބުނެއެވެ.
އަދި ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އަނެއް ބަދަލުގައިވާ ގޮތުން، ކުރު ރާސްތާއާއި، މެދު ރާސްތާއާއި އަދި ދިގު ރާސްތާގެ ޕްލޭންތައް އެކުލަވާލުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ކަމަށާއި އެކަން ކުރުމުގައި އެހެން އެއްވެސް ފަރާތެއްގެ ޝާމިލުވުމެއް ރުހުމެއް ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމެއް އޮންނަން ޖެހޭނޭކަމަށް ބަޔާންކޮށްފައި ނުވާކަން ޑިމޮކްރެޓްސް އިން ފާހަގަކުރެއެވެ.
ޑިމޮކްރެޓްސް އިން ވަނީ ސަރުކާރުން ކުރިން ބުނިގޮތަށް ގާނޫނުއަސާސީއަށް ގެނެވޭ ބަދަލުތަކުގެ މަޝްވަރާތައް ފުޅާ ދާއިރާއެއްގައި ބާއްވައި، އެކަމުގައި ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުން ޝާމިލުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.

