ރައްޔިތުންގެ މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތަކުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކަކީ ރާއްޖޭގެ ރައްޔިތުންގެ ޙައްޤުގައި، ރާއްޖޭގެ މިނިވަންކަމާ، ސިޔާދަތާ، ތަރައްގީ އާއި ހަމަޖެހުމަށްޓަކައި، ނުހަނު ޖޯޝާއެކު ގައުމީ ރޫޙުގައި ނިންމެވި ވަރަށް މުހިންމު ނިންމެވުންތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
މަޖިލިހުން ފާސްކޮށް، ރައީސް ޑރ. މުއިއްޒު ތަސްދީގު ކުރެއްވި އިސްލާހުގައި މައިގަނޑު ތިން ކަމެއް ގާނޫނުއަސާސީގައި ވަނީ ހިމަނައިފައެވެ.
އެއް ކަމަކީ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތެވެ. ބިލްގައި މެމްބަރުންގެ ގޮނޑި ގެއްލޭނެ ހަތަރު ހާލަތަކީ އަމިއްލަ މެމްބަރަކު ޕާޓީއަކާ ގުޅުމާއި އިންތިހާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމާއި އިންތިހާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމާއި އިންތިހާބުވި ޕާޓީން ވަކިވުމާއި ޕާޓީން އެ މީހަކު ވަކިކުރުމުންނެވެ.
ދެވަނަ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުން ރުހުން ލިބިގެން މެނުވީ ބޭރުގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭ ގޮތަށް ބަދަލު ކުރުމެވެ. ތިން ވަނަ ކަމަކީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް ކުރެވޭނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ގޮސްގެން ކަމަށް ކަނޑައަޅައި ގާނޫނުއަސާސީއަށް ގެނައި އިސްލާހެވެ.
އޭގެއިތުރުން ގާނޫނުއަސާސީގައި ރައްޔިތުންގެ ވޯޓަކަށް ދާން ޖެހޭ މާއްދާ އިސްލާހު ކުރާ ނަމަ، ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ ގޮތަށް ގާނޫނުއަސާސީއަށް ވަނީ އިސްލާހު ގެނެސްފައެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހުތައް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދެވެ.
ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސި ވިލާތަށް ފުރާވަޑައިގަތުމުގެ ކުރިން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ ސަރަޙައްދަށް ބަދަލެއް ގެންނަ ނަމަ މީގެ ކުރިން އޮންނަނީ، ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފާސް ކުރަން ވާނެ ކަމަށެވެ. އެކަމަކު އެކަން ވަރުގަދަކޮށް ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ ތަނަވަސް އަޣްލަބިއްޔަތަކުން ފާސްކުރަން ޖެހޭގޮތަށް ކަނޑައަޅާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ގެނައި އިސްލާހާއެކު ރާއްޖޭގެ ކަނޑުގެ ސަރަޙައްދު އެކްސްކުލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) އާ ހަމައަށް ކަނޑައެޅޭނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެގޮތަށް ކަނޑައަޅާ ސަރަޙައްދަކަށް ބަދަލު ގެނެވޭނީވެސް ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ ވޯޓު ލިބި، އަދި އޭގެ އިތުރަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްވެސް ނަގައިގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުރިން އޮންނާނީ ރާއްޖޭގައި ބޭރުގެ އަސްކަރީ މަރުކަޒެއް ހަދާނަމަ، ރައްޔިތުންގެ މަޖިލިހުގެ ބަހެއް ހޯދުމަށެވެ. އެކަމަކު، އެކަން ބަދަލުކޮށް ރާއްޖޭގައި ބޭރުގެ އެއްވެސް ސިފައިންގެ މީހެއް، ހަރަކާތްތެރިވާ ނަމަ، އެކަމަށް މަޖިލީހުން ރުހުންލިބި ފާސްވާންޖެހޭކަމަށް ކަނޑައަޅާފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ މާއްދާއަކީވެސް ރައްޔިތުންގެ މަޖިލީހުން ބަދަލު ގެނެވޭގޮތަށް މީގެ ކުރިން އޮތް މާއްދާއެއްކަމުގައި ފާހަގަކުރައްވާ، މިއަދު ގެނައި އިޞްލާޙަށްފަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގާ ކަންކަމަށް ބަދަލު ގެނެވޭނީވެސް އެ ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ ރުހުން އޮތްތޯ ބަލަން ވޯޓަކަށް އެހުމަށްފަހުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ގައުމުގެ ހަމަޖެހުން ގާއިމުކުރުމަށްޓަކައި "އެންޓި ޑިފެކްޝަން" ގާނޫނުއަސާސީގައި ހިމެނުމަކީވެސް ރައްޔިތުންގެ މަޖިލީހުން ނިންމެވި ވަރަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގެ ތަރައްގީއަށް ކުރު މެދު އަދި ދުރު ރާސްތާގެ ޕްލޭންތައް ހެދުން ރައީސްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނިގެން ހިނގައްޖެކަން ފާހަގަކުރެއްވިއެވެ.

