ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭ އިސްލާހު ތަސްދީގު ކުރައްވައިފި

ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭ އިސްލާހު ތަސްދީގު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުވެވަޑައިގަންނަވާ ޕާޓީ ބަދަލު ކުރައްވައިފި ނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ބިލް ތަސްދީގު ކުރައްވައިފިއެވެ.

ރައީސް ޑރ. މުއިއްޒު، އެ ބިލް ތަސްދީގު ކުރެއްވުމާ އެކު، ސަރުކާރުގެ ގެޒެޓްގައި މިހާރު ވަނީ ޝާއިއުކޮށް އަމަލު ކުރަން ފަށައިފައެވެ.

މަޖިލިހުން ފާސްކުރި ބިލްގައި މައިގަނޑު ތިން ކަމެއް ގާނޫނުއަސާސީގައި ވަނީ ހިމަނައިފައެވެ.

އެއް ކަމަކީ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތެެ. ބިލްގައި މެމްބަރުންގެ ގޮނޑި ގެއްލޭނެ ހަތަރު ހާލަތަކީ އަމިއްލަ މެމްބަރަކު ޕާޓީއަކާ ގުޅުމާއި އިންތިހާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމާއި އިންތިހާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމާއި އިންތިހާބުވި ޕާޓީން ވަކިވުމާއި ޕާޓީން އެ މީހަކު ވަކިކުރުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުން ރުހުން ލިބިގެން މެނުވީ ބޭރުގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭ ގޮތަށް ބަދަލު ކުރުމެވެ.

ތިން ވަނަ ކަމަކީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް ކުރެވޭނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ގޮސްގެން ކަމަށް ކަނޑައަޅައި ގާނޫނުއަސާސީއަށް ގެނައި އިސްލާހެވެ. އޭގެއިތުރުން ގާނޫނުއަސާސީގައި ރައްޔިތުންގެ ވޯޓަކަށް ދާން ޖެހޭ މާއްދާ އިސްލާހު ކުރާ ނަމަ، ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ ގޮތަށް ގާނޫނުއަސާސީއަށް ވަނީ އިސްލާހު ގެނެސްފައެވެ.

މި އިސްލާހުތައް މަޖިލިހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތް ނިންމާލީ އެއް ދުވަސްތެރޭގައެވެ. ބިލުގެ ފުރަތަމަ ކިއުން އިއްވީ ވެސް މިއަދެވެ. އަދި ގަޑިއިރެއްހާ އިރު ބަހުސް ކުރުމަށް ފަހު ބިލް ބަލައިގަނެ، ކޮމިޓީއަށް ފޮނުވިއެވެ. ބައެއް އިސްލާހުތަކާ އެކުގައި ބިލް އަލުން މަޖިލިހުގެ ތަޅުމަށް ފޮނުވާލިއެވެ.

މިއަދު ހަވީރު ބޭއްވި ޖަލްސާގައި ބިލް ފާސްކުރީ 78 މެމްބަރުންގެ ވޯޓުންނެވެ. އަދި އެ ބިލާ ދެކޮޅަށް 13 މެމްބަރުން ވޯޓު ދެއްވިއެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *