ރައްޔިތުން އުފުލަންޖެހޭ ބުރަ ލުއިކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން – ރައީސް ވަހީދު

ރައްޔިތުން އުފުލަންޖެހޭ ބުރަ ލުއިކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން – ރައީސް ވަހީދު

ރައީސް ޑރ. ވަހީދު ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު ރާއްޖެ އޮތީ އިގްތިސާދީ ގޮތުން ވަރަށް ދަތި ފައްތަރެއްގައި ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް އުފުލަންޖެހޭ ބުރަ ލުއިކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދަވާ ކަމުގައި ކުރީގެ ރައީސް  ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އެއް އަހަރުވުމާ ގުޅިގެން ރައީސް ޑރ. ވަހީދު ދެއްވި ބަޔާނެއްގައި ވިދާޅުވީ ސަރުކާރުން ކުރި މަސައްކަތްތަކުގެ ތެރެއިން އެންމެ އުފާކުރާކަމަކީ ފަލަސްތީނުގައި ހިނގަމުންދާ ގަތުލްއާންމު ހުއްޓުވުމަށް ކުރަމުން އަންނަ މިންނެތް މަސައްކަތް ކަމަށެވެ.

އެގޮތުން ޖޮއިންޓް އަރަބް- އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގައި ރައީސް ޑރ. މުއިއްޒު ދެއްވި ތަގުރީރަކީ ގައުމެއްގެ ވެރިޔަކު ދެއްވި އެންމެ ވަރުގަދަ އަދި ސާބިތު ތަގުރީރު ކަމަށެވެ.

"އިސްރާއީލްއާ ދެކޮޅަށް ސައުތު އެފްރިކާގެ ފަރާތުން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް ހުށައަޅާފައިވާ މައްސަލައަސް ތާއިދުކުރައްވާ ރާއްޖޭގެ ފަރާތުން ވަރަށް ވަރުގަދަ ވަކީލުންގެ ޓީމެއް ފޮނުއްވިކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން." ރައީސް ވަހީދު ވިދާޅުވިއެވެ.

"ހުޅަނގުގެ އެހީއާއެކު އިސްރާއީލުން ފަލަސްޠީނުގައި ހިންގާ ނާތަހުޒީބު އަނިޔާވެރި އަދި ލަދެއްނެތް އަމަލުތަކަކީ މި ވޭތުވެދިޔަ 100 އަހަރުގެތެރޭގައިވެސް ހިންގާފައިވާ އެންމެ ބޮޑު ޖަރީމާ. ދިވެހި ރައްޔިތުންގެ ހިތްތަކުގައި އުފެދެމުންދާ އުދާސްތަކާއި، ވޭނާއި ހިތްދަތިކަމުގެ އަސަރު ރައީސް ޑރ. މުއިއްޒު އިހްސާސްކުރައްވައި އެމަނިކުފާނު ދައްކަވާ ކޮންމެ ވާހަކަފުޅެއްގައިވެސް ސާބިތުކަމައެކު ފާޅުކުރައްވަމުން ގެންދަވާކަމަށްޓަކައި އަޅުގަނޑު އެމަނިކުފާނަށް ޝުކުރު ދަންނަވަން."

ރައީސް ޑރ. ވަހީދު ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު ރާއްޖެ އޮތީ އިގްތިސާދީ ގޮތުން ވަރަށް ދަތި ފައްތަރެއްގައެވެ. ނަމަވެސް ރައްޔިތުންނަށް އުފުލަންޖެހޭ ބުރަ ލުއިކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށާއި އާ މަޝްރޫއުތައް ފެށުމަށްވެސް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވެރިކަން ބަދަލުވި އިރު، އިންޑިއާއާ އެކު އޮތް ޒަމަންވީ ގުޅުމާމެދު ސުވާލުތަކެއް އުފެދިފައި ހުރި ކަމަށާއި އިންޑިއާގެ އިތުރުން ޗައިނާއާ މެދުވެސް އޮތް ގުޅުމަށް ނުރަނގަޅު އަސަރުތަކެއް އޭރު އޮތް ކަމަށް ރައީސް ޑރ. ވަހީދު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ރައީސްކަމަށް ވަޑައިގެން މާގިނަ ދުވަހެއްނުވެ އެ ގުޅުންތައް ބަދަހިކުރަން ގިނަ މަސައްކަތްތަކެއް ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން ގުޅުން ބަދަހިވެގެން ދިޔަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ލިބިފައިވާ ކަމަށް ރައީސް ޑރ. ވަހީދު ވިދާޅުވިއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *