ޚިޔާނާތުގެ މައްސަލައެއްގައި އޭސީސީ ރެކްރިއޭޝަންގެ ރައީސް ސަސްޕެންޑުކޮށްފި

ޚިޔާނާތުގެ މައްސަލައެއްގައި އޭސީސީ ރެކްރިއޭޝަންގެ ރައީސް ސަސްޕެންޑުކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ރެކްރިއޭޝަން ކްލަބުގެ ރައީސް އަދި އެ ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަ ހަސަން މަނިކު ސަސްޕެންޑުކޮށްފިއެވެ.

އޭސީސީން ވިދާޅުވީ އެ ކޮމިޝަނުގެ ރެކްރިއޭޝަން ކްލަބުގެ ހިންގާ ކޮމިޓީން މި ދައުރުގެ މާލީ ހިސާބުތަކާ ގުޅިގެން މިހާރު ތައްޔާރު ކުރަމުންދާ އޮޑިޓާގުޅިގެން، މި މަހުގެ 12 ގައި ކްލަބުގެ ރައީސާ ގުޅުންހުރި ކަންތައްތަކެއް ސަމާލުކަމަށް ގެނެވި، އެ ކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ.

އޭސީސީން ވިދާޅުވީ އެ މުވައްޒަފަކީ އެއްވެސް އިރެއްގައި ތަހުގީގުތަކާ ގުޅުންހުރި މަސައްކަތްކޮށްފައިވާ ފަރާތެއް ނޫން ކަމަށާއި އެ ކޮމިޝަނުން ސަސްޕެންޑްކޮށް އޭނާ މިހާރު އަދާކުރާ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކްލަބުގެ އާންމު މެންބަރުންނަށް ހިންގާ ކޮމިޓީގެ ފަރާތުން މައުލޫމާތުދީ، ފުލުހުންގެ ސަމާލުކަމަށް މި މައްސަލަ ގެނެސްފައިވާ ކަމަށް އޭސީސީން ވިދާޅުވިއެވެ.

އޭސީސީ ރެކްރިއޭޝަން ކްލަބަކީ، އެހެން ކްލަބު ޖަމިއްޔާތަކެކޭ ވެސް އެއްގޮތަށް، ދިވެހިރާއްޖޭގެ ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްގެން ހިންގާ، އަދި ހަމަ އެކަނި ޖަމިއްޔާގެ ރެޖިސްޓްރާއަށް ޖަވާބުދާރީވާންޖެހޭ ކްލަބެކެވެ. އެ ގޮތުން އެއީ ކްލަބުގެ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު އޮންނަ ވަކި ގާނޫނީ ޝަޚުސެކެވެ. އެ ގޮތުން އުފުލޭ ނުވަތަ ނުއުފުލޭ މުދާ، ގާނޫނު ހުއްދަކުރާ ގޮތުގެ މަތީން ހޯދުމާއި ލިބިގަތުމުގެ ހައްގު އެ ކްލަބަށް ވެސް ލިބިގެންވެއެވެ.

އޭސީސީ ރެކްރިއޭޝަން ކްލަބަކީ މެންބަރުންގެ އަތުން ޗަންދާ ނަގައިގެން، ކޮމިޝަނުގެ މާލީ ކަންކަމާ މުޅީން ވަކިން ހިންގާ ކްލަބެކެވެ.

އެ ތަނުގެ މުވައްޒަފުންގެ ސުލޫކާ ގުޅޭ ކަންކަމުގައި ވަޒީފާއާބެހޭ ގާނޫނުގެ އިމުގެ ތެރެއިން އެޅޭނެ ފިޔަވަޅުތައް އަބަދު ވެސް އަޅަމުންދާނެ ކަމަށާއި މި މައްސަލައިގައި ވެސް އެ ގޮތަށް އަމަލުކުރަން ގެންދާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *