ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ބިލް ފާސްކުރަން ހަވީރު ޖަލްސާއެއް

ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ބިލް ފާސްކުރަން ހަވީރު ޖަލްސާއެއް

ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުވެވަޑައިގަންނަވާ ޕާޓީ ބަދަލު ކުރައްވައިފި ނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލް ފާސް ކުރަން މިއަދު ހަވީރު ޖަލްސާއެއް ބާއްވަން ތާވަލުކޮށްފިއެެވެ.

އެ ބިލަށް މިއަދު ހެނދުނު މަޖިލީހުގައި ވަނީ ބަހުސްކޮށްފައެވެ. އަދި އެއަށްފަހުގައި އެ ބިލް މަޖިލީހުން ބަލައިގަތުމަށް ފެންނަ ގޮތަކާއި މެދު ވޯޓަށް އަހާފައިވެއެވެ. ފެންނަ ކަމަށް 69 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަަމަށް 12 މެންބަރަކު ވޯޓު ދެއްވާފައިވެއެވެ.

އޭގެ ފަހުން މި ބިލާއި ގުޅޭ ދިރާސާތައް ކުރުމަށް މަޖިލީހުގެ މުޅި ކޮމެޓީއަށް ފޮނުވިއިރު، އެ ކޮމެޓީގެ ބައްދަލުވުންތައް ވަނީ ފެށިފައެވެ.

މަޖިލީހުގެ މިއަދުގެ ހަވީރުގެ އެޖެންޑާގައިވާގޮތުން އޮތީ އެ ބިލް ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ހުށަހެޅުން އެބަ އޮތެވެ. އަދި ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ނިންމާ ހިސާބަށް ވޮސްފައިވާ ކަންކަން ވޯޓަށް އެހުންވެސް މިއަދު ހަވީރު އެބަ އޮތެވެ.

މިއަދު ހަވީރު ބާއްވާ ޖަލްސާ ތާވަލުކޮށްފައި ވަނީ 5:30 އަށެވެ.

އެ ބިލުގައި ގާނޫނު އަސާސީއަށް މައިގަނޑު ހަތަރު އިސްލާހެއް ވަނީ ހުށަހަޅާފައެވެ. އެއް އިސްލާހަކީ ރާއްޖޭގެ ސަރަހައްދަށް ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ރުހުން ހޯދަންޖެހޭ ގޮތަށް ބަދަލު ގެނައުމެވެ.

ބިއުލުގައިވާ އެންމެ މުހިންމު އިސްލާހަކީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ދެ ހާލަތު އިތުރުކޮށްފައިވުމެވެ. އެ ދެ ހާލަތަކީ އިންތިހާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުމާއި ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމެވެ.

އަދި އެ ބިލްގައި ވަނީ ރައީސް އިތުރު ބާރުތަކެއް ދިނުމަށް ވެސް ހުށަހަޅާފައެވެ. އެގޮތުން ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުމާއި ސަރުކާރުގެ އިދާރާތަކަށް އިރުޝާދު ދިނުމާއި ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވުރުތައް އެކަށައެޅުން ރައީސްއަށް ލިބިދޭ ގޮތަށްވެއެވެ.

އަސްކަރީ ބޭނުމަކަށް ބޭރުގެ ސިފައިން ތިބެވޭނީ މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެން ކަމަށާއި އަސްކަރީ ނޫން ހަރަކާތްތަކާއި އެއްބަސްވުންތަކުގެ ދަށުން ހިންގާ ތަމްރީނުތަކުގައި ބޭރުގެ ސިފައިންނަށް ހަރަކާތްތެރިވެވޭނެ ކަމަށް ވެސް ބިލްގައި ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.

މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންމެ ފުރަތަމަ ގާނޫނެއް އެކުލަވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެކަމަކު، އެމްޑީޕީން ވެރިކަމަށް އައިސް އެ ގާނޫނު ވަނީ އުވާލައިފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގެ ފަހުކޮޅު އަނެއްކާ އެފަަދަ ގާނޫނެއް އެމްޑީޕީން ގެނައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *