ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގު އިބްރާހިމް "52 ހަފްތާ – ފެހި، ސާފު އަދި ވިލުންތެރި ރާއްޖެއަކަށް" ނަމުގައި ފޮތެއް މިއަދު ނެރެދެއްވައިފިއެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ އެ މިނިސްޓްރީން ޝާއިއު ކުރި އެ ފޮތް ނެރެދެއްވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އެއް އަހަރު ފުރުނު މުނާސަބަތާ ގުޅުވައިގެން ކަމަށެވެ.
އެ ފޮތުގައި މޫސުމީ ބަދަލުތަކާއި، ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ހިމެނިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ "52 ހަފްތާ" ފޮތުގެ މަގްސަދަކީ ދިވެހިރާއްޖެ އިތުރަށް ފެހި، ސާފު އަދި ވިލުންތެރި ގައުމަކަށް ހެދުމަށް ބޭނުންވާ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެ ފޮތުގައި އަހަރުގެ ކޮންމެ ހަފްތާއަކަށް ހާއްސަ ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ މައުލޫމާތު ހިމަނާފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
އެ ވުޒާރާއިން އެ ފޮތް ނެރުމާ ގުޅިގެން "52 ހަފްތާ" ހޭޝްޓެގް ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފަށާފައިވާ ކަމަށާއި އަދި ރައީސް އޮފީހުގެ ރަސްމީ އެކައުންޓް މެދުވެރިކޮށް ވެސް އެ ފޮތާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.
އެ ވުޒާރައިން ވިދާޅުވީ ތިމާވެށި ރައްކާތެރިކުރުމަކީ ސަރުކާރުގެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން އެ ފޮތް ނެރުމުން އެނގޭ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންގެ މެދުގައި ތިމާވެއްޓާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް މި ފޮތުން އެހީތެރިވެދޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

