ސިޔާސީ ޕާޓީތަކުން ގާނޫނާ ހިލާފު ކަމެއްކޮށްފި ނަމަ 100،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) އެވެ. އިސްލާހު ހުށަހަޅާފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 49 ވަނަ މާއްދާއަށެވެ. މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.
އެ ބިލްގެ މަސައްކަތް ގާތްގަނޑަކަށް ދެ ހަފްތާގެ ތެރޭގައި ވަނީ ނިންމާލައިފައެވެ.
މިބިލުގައި އޮތް ގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފުވާ މީހަކު 30،000 ރުފިޔާއާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެއެވެ. އެ އަމަލެއް ހިންގި ފަރާތް ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ
މި އިސްލާހުގައި ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ ކެނޑިޑޭޓަކު އެހެން ހައިސިއްޔަތަކުން އިންތިހާބުތަކުގައި ވާދަކުރުމާއި ގުޅޭގޮތުން އޮތް މާއްދާ ވަނީ އުނިކޮށްފައެވެ.
މީގެ އިތުރުން, ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ބަޖެޓުގައި އެ ކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާކަން ވަނީ ބަޔާންކޮށްފައެވެ. އެގޮތުން, ދައުލަތުގެ އަހަރީ ބަޖެޓްގައި އެ އަހަރަކަށް ލަފާ ކުރާ އާމްދަނީގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދަކަށް ބަދަލުކުރަން ވަނީ ހުށަހަޅާފައެވެ. މިހާރު ސިޔާސީ ޕާޓީތަކުގެ ޤާނޫނު އޮންނަގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އަހަރުގެ ބަޖެޓުން 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެކެވެ.

