ގިނަ ހިދުމަތްތަކަކާ އެކުގައި ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކޮށް ރަސްމީކޮށް ހުޅުވައިފިއެވެ.
އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށް ފަހު، ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެމަނިކުފާނުގެ ސަރުކާރުން ވަނީ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ވެސް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށް ފަހު ރޭ ހުޅުވައިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ މި އަހަރުވެގެން މިދަނީ ހުޅުމާލެ ހޮސްޕިޓަލަށް ގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވުނު ވަރަށް ކާމިޔާބު އަހަރަކަށް ކަމަށެވެ.
ސިއްހީ ކަންކަން އެންމެ ފުރިހަމަ އަދި އަވަސްކަމާއެކީ ނިންމުމުގެ މުހިންމުކަން މި ސަރުކާރުން ދަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މި ސަރުކާރު ފެށިގެން މާދަމާއަށް އަހަރެއްވާއިރު އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މިއަދު މި ހޮސްޕިޓަލުގައި ފެށިގެން މިދާ ސިއްހީ ހިދުމަތްތައް މިއީ އެންމެ ފުރިހަމައަށް އަވަސްކަމާއެކު ނިންމުމުގެ މުހިންމުކަން މިސަރުކާރުން އަދި ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ދެނެވަޑައިގެން އެކަންކަން ހާސިލް ކުރުމަށް ހާއްސަ އިސްކަމެއް ދެއްވިކަން." ހަލީމް ވިދާޅުވީއެވެ.
މި ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ ކުރިއަރަމުން އަންނަ މުޖުތަމައުގައި ހޯލިސްޓިކް ހެލްތުކެއާ ލިބޭނެގޮތް ހެދުމަށްޓަކައި ޚިދުމަތްތަކުގެ ދާއިރާ ފުޅާކުރެވިގެން ދިޔަކަންކަމުގައި ހަލީމް ވިދާޅުވިއެވެ. އެގޮތުން އޮޕަރޭޝަނަލް ބަޖެޓާއި ގިނައަދަދެއްގެ ސިއްޚީ ޚިދުމަތްތެރިން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް މި ސަރުކާރުން ވަނީ ހަމަޖައްސައިދީފައިކަން އޭނާ ފާހަގަކުރެއްވިއެވެ.
ލެވެލް ދޭއްގައި ހިންގި ހުޅުމާލެ ހޮސްޕިޓަލަކީ މީގެ 20 އަހަރު ކުރިން ހުޅުވި ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލުގައި ޒަމާނީ ވަސީލަތްތަކާއެކު މުޅިން އަލަށް ހަތަރު ތިއޭޓަރު ހިމެނޭ އޮޕަރޭޝަން ކޮމްޕްލެކްސްއަކާއި 10 އެނދުގެ އައިސީޔޫ، 14 އެނދުގެ ނިއޯޑެންޓަލް އިންޓެންސިވް ކެއާ ޔުނިޓެއް މިހާރު ވަނީ ގާއިމުކޮށްފައެވެ.
އަލަށް ފެށިގެން މިދާ ޚިދުމަތްތަކުގެ ސަބަބުން ހުޅުމާލެ ހޮސްޕިޓަލުން އެހެން ހޮސްޕިޓަލްތަކަށް ރިފާކުރަންޖެހޭ ބަލި މީހުންގެ އަދަދު މަދުވެގެންދާނެއެވެ. އަލަށް ހުޅިވިގެންދާ ތިއޭޓާ ކޮމްޕްލެކްސް ހުޅުވިގެން މިދިޔައީ މިވަގުތު ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީގެ ސިއްހީ ވަސީލަތްތަކާއެކުގައެވެ. މީގެކުރިން އެންމެ ތިއޭޓަރަކުން ހިދުމަތް ދިނުމަށް ދިމާވެފައިވާ ދަތިތައް މިއަދު ހުޅުވި ހަތަރު ތިއޭޓަރުގެ ތިއޭޓާ ކޮމްޕްލެކްސްއާއެކު ހައްލުވެގެންދާނެއެވެ.

