މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އުވާލައި މީޑިއާ ކޮމިޝަނެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބޭރުކޮށްލަން ގޮވާލައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް ބިލް މަޖިލިހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
އެ ބިލާ ދެކޮޅަށް އެމްޖޭއޭއިން ވަނީ މި ޕެޓިޝަންގައި ސޮއިކުރަން ބޭނުންވާ ނޫސްވެރިންނަށް އެ ފުރުސަތު ހުޅުވާލައިފައެވެ. މި ބިލާމެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް މި ޕެޓިޝަނުގައި ބަޔާންކޮށްފައިވެއެވެ.
އެގޮތުން ނޫސްވެރިކަމާއި މީޑިއާ ދާއިރާ ސަރުކާރުގެ ބާރުގެ ދަށުން ރެގިއުލޭޓްކުރުމަކީ އެ ޖަމިއްޔާ އިން އެއްވެސް ސިފައެއްގައި ގަބޫލުކުރާނެ ކަމެއް ނޫންކަން ކަމަށާއި ހުށަހެޅުމަކާ ދެކޮޅަށް އެ ޖަމިއްޔާ އިން ހަރުދަނާ މަސައްކަތްތަކެއް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދީފައިވެއެވެ. އަދި މި ބިލު އެކުލަވާލުމުގައި ބިލު ހުށަހެޅުއްވި މެންބަރު އަދި ސަރުކާރުގެ ފަރާތުން އެ ޖަމިއްޔާ އަދި މީޑިއާގެ އިސް ފަރާތްތަކުގެ މަޝްވަރާ އެއްވެސް މިންވަރަކަށް ހޯދާފައި ނުވާކަން އެމްޖޭއޭ އިން ފާހަގަކުރެއެވެ.
މިހާރު ދިވެހިރާއްޖޭގައި ގާއިމުވެފައިވާ މީޑިއާގެ ސެލްފް ރެގިއުލޭޓަރީ ނިޒާމުގެ ބަދަލުގައި، ސަރުކާރުގެ ނުފޫޒާއި ބާރުގެ ދަށުން ހިންގޭ ރެގިއުލޭޓަރީ ނިޒާމަކަށް ބަދަލުވުމަކީ މީޑިއާގެ މިނިވަންކަން ގެއްލި، މިނިވަން ނޫސްވެރިކަން ނިކަމެތިވެގެންދާނެ ކަމެއް ކަމަށް ޕެޓިޝަންގައިވެއެވެ. އެހެންކަމުން، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ ހައްގުގެ މިނިވަންކަން ގެއްލިގެންދާނެކަމަށް ބަޔާންކޮށް، މި ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލުމަށް މަޖިލީހުގެ މެންބަރުންނަށް ގޮވާލައި ޕެޓިޝަނެއް މިވަނީ ތައްޔާރުކޮށް ސޮއިކުރަން ފަށައިފައެވެ.
އެމްޖޭއޭއިން ބުނީ މި ޕެޓިޝަންގައި ސޮއިކުރަން ބޭނުންވާ ނޫސްވެރިން އެމްޖޭއޭއާ ގުޅާލުމުން ޕެޓިޝަން ސޮއިކުރަން ވެސް ގެންގޮސްދޭނެ ކަމަށެވެ. މި ޕެޓިޝަން މަޖިލީހާއި ސަރުކާރާއި ސިޔާސީ ޕާޓީތަކާ ހިއްސާކުރެވޭނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
އެ ބިލާ ގުޅޭ ގޮތުން އެމްޖޭއޭއަށް މިހާތަނަށް ފާހަގަކުރެވިފައިވާ މައިގަނޑު ބޮޑެތި ކަންބޮޑުވުންތަކަކީ:
• ކޮމިޝަންގެ އޮނިގަނޑު އެކުލަވާލަން ހުށަހަޅާފައިވާ ގޮތުން ހަތް މެންބަރުންގެ ތެރެއިން އަގުލަބިއްޔަތު މެންބަރުން ކަމަށްވާ ހަތަރު މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުން މަޖިލީހަށް ނަން ފޮނުވައިގެން އައްޔަން ކުރާ މެންބަރުން. މީޑިއާއިން އަމިއްލައަށް އިންތިހާބު ކުރަން ޖެހެނީ އެންމެ ތިން މެންބަރުން. މިކަމުގެ ސަބަބުން މީޑިއާ ރެގިއުލޭޓް ކުރުމަށް ސަރުކާރުގެ ނުފޫޒު ވަދެ މީޑިއާތަކާއި ނޫސްވެރިންނަށް އޮތް މިނިވަންކަމަށް ސަރުކާރުގެ ބާރާއި ނޭދެވޭ ނުފޫޒުތައް ވަދެ މިހާރު މި އޮތް މިންވަރަށް ވެސް މިނިވަން މީޑިއާގެ ވެށި ގެއްލިގެންދާނެ.
• ކޮމިޝަން ހިންގުމުގެ ހުރިހާ ބާރެއް ކޮމިޝަންގެ ރައީސަށް ދީފައިވާއިރު އެ މަގާމާއި ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މަގާމެއް.
• ބިލްގައި ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑުތަކާ ހިލާފުވާ މީޑިއާތައް ޖޫރިމަނާ ކުރުމާއި މީޑިއާތަކުގެ ލައިސަންސް ހިފެހެއްޓޭނެ ކަމަށް ބަޔާންކޮށްފައިވާއިރު ވަކިވަކި ނޫސްވެރިންނަށް ވެސް ބޮޑެތި ޖޫރިމަނާތަކެއް ކުރެވޭނެ ގޮތަށް ބިލް އެކުލަވާލާފައިވުމަކީ މީޑިއާގެ މިނިވަންކަމަށް ކުރިމަތިވާނެ ބޮޑު ނުރައްކަލެއް.

