އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްފިއެވެ.
މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ހޯދޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން އަތޮޅުތެރޭގައި މި ޚިދުމަތް ފަށާފައިވާއިރު އެންމެ ފުރަތަމަ މި ޚިދުމަތް ފަށާފައިވަނީ ގއ. ވިލިނގިލީގައެވެ.
އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އެއްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ނިޔަލަށެވެ. މި މަޝްރޫއުގެ ދަށުން 6 ތަނެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މި އަހަރު ފަށާނެއެވެ.
އެގޮތުން މި އަހަރު ޕާސްޕޯޓުގެ ޚިދުމަތް ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގެ އިތުރުން ދ. ކުޑަހުވަދޫ އާއި ލ. ފޮނަދޫގައި ދެމުންގެންދާނެއެވެ. އަދި އައިޑީކާޑުގެ ޚިދުމަތް ހުޅުމާލެ ފޭސް އެކެއް، ދޭއް އަދި ވިލިމާލޭގެ އިތުރުން ކުޅުދުއްފުށީގައި ދެމުންގެންދާނެއެވެ.
މި ސަރުކާރުން ދަނީ ރައްޔިތުންނަށް ފަސޭހައިން ޚިދުމަތްތައް ލިބޭ ގޮތަށް ކަންތައްތައް ބައްޓަން ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިއަދު ތައާރަފްކުރި ޚިދުމަތާއެކު ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.
ރާއްޖޭގައި އައިޑީކާޑު ހެދުމަށް އެންމެ ކުރިން ޖެހޭނީ މާލެ އައިސް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ކާޑު ހައްދާށެވެ. ކާޑު ނަގަން ވެސް ޖެހޭނީ މާލޭގައި ހުންނަ އެ އިދާރާއިންނެވެ. ނަމަވެސް 2022 ވަނަ އަހަރު ތައާރަފްކުރި ޕޯޓަލް މެދުވެރިކޮށް އައިޑީކާޑު ހެދުމަށް އޮންލައިންކޮށް އެދުމުން އެރަށެއްގެ ކައުންސިލް މެދުވެރިކޮށް ރަށުގައި ތިބެގެން ވެސް ކާޑު އަތަށް ލިބެއެވެ. އެހެންނަމަވެސް އޭރު ވެސް ޖެހެނީ އައިޑީކާޑު ޕްރިންޓުކޮށް ޕޯސްޓު މެދުވެރިކޮށް ނުވަތަ އެނޫން ވެސް ގޮތަކުން އެރަށެއްގެ ކައުންސިލަށް ފޮނުވާށެވެ.

