ނެއްލައިދޫގައި ރަށު ވަޤުފް މަޝްރޫޢު ކުރިއަށް ގެންދަން ސޮއިކޮށްފި

ނެއްލައިދޫގައި ރަށު ވަޤުފް މަޝްރޫޢު ކުރިއަށް ގެންދަން ސޮއިކޮށްފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވަގުފް މަޝްރޫއުތަކުގެ ތެރެއިން ހދ. ނެއްލައިދޫގައި ކުރިއަށް ގެންދާ ވަޤްފު މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާއާއި ނެއްލައިދޫ ކައުންސިލާއި ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި ނެއްލައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު އަލީފެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ވަގުފްގެ މަޝްރޫއުތައް އިތުރުކޮށް އޭގެ ނަފާ ކަނޑައެޅޭ ދާއިރާތަކަށް ލިބޭގޮތަށް ފުޅާ ކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށާއި، ނެއްލައިދޫ ކައުންސިލާއިއެކު ވެވުނު އެއްބަސްވުމުގެ ދަށުން އެރަށުގައި ވަގުފް މަޝްރޫއުއެއް ކުރިއަށް ގެންގޮސް އޭގެ ނަފާ ދީނީ ކަންކަމަށް ލިބިގެންދާނެ ކަމަށެވެ.

ވަަޒީރު އިތުރަށް ވިދާޅުވީ، ރަށްރަށުގައި ވަގުފް އިމާރާތްތައް އިތުރު ކުރުމަކީ ވުޒާރާގެ އަމާޒެއްކަމަށާއި، ނެއްލައިދޫގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމެވީ ވުޒާރާއަށް ލިބުނު ޕްރޮޕޯސަލްތައް ދިރާސާ ކުރުމަށްފަހު ފެނުނު އެންމެ މުނާސަބު އެއް ޕްރޮޕޯސަލްއަކީ ނެެއްލައިދޫ ކައުންސިލުން ހުށައަޅާފައިވާ ޕްރޮޕޯސަލްކަމަށް ވާތީ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެއްލައިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، މި މަޝްރޫއުއަކީ ކުރިމަގަށް ކުރެވޭ ރަނގަޅު މަސައްކަތެއްކަމަށާއި އުއްމީދަކީ މި މަޝްރޫޢުގެ ނަފާ ނެއްލައިދޫއަށާއި މުޅި ރާއްޖެއަށް ވީހާވެސް އަވަހަށް ލިބިގެން ދިއުން ކަމަށެވެ.

ނެއްލައިދޫ ކައުންސިލުން ހުށައަޅާފައިވާ ވަގުފް މަޝްރޫއުއަކީ ލަނޑާ/ކަނޑު/ފަރު މަސްވެރިކަމާގުޅޭ މަސައްކަތަށް އެރަށުން އާއްމުންނަށް ކުއްޔަށްދިނުމަށް، 10 އައުޓްލެޓް އިމާރާތްކުރުމެވެ. މި މަޝްރޫއުގެ ދަށުން އަޅާ 10 އައުޓްލެޓް ކުއްޔަށް ދީގެން ލިބޭ ނަފާއިން ރަށުގެ މިސްކިތްތައް މަރާމާތުކުރުމާއި، ދީނީ އިޖުތިމާޢީ އެކި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމަށް ނެއްލައިދޫ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ރަށު/ސިޓީ ވަގުފް މަޝްރޫއުއަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިގެން އިފްތިތާހް ކުރި މުހިއްމު މަޝްރޫއުއެކެވެ. މި މަޝްރޫއުގެ ދަށުން ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 14 ރަށު ކައުންސިލަކުންނާއި 10 އަތޮޅު/ސިޓީ ކައުންސިލަކުން ވަނީ ޕްރޮޕޯސަލް ހުށައަޅާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *