އިމާމުން ޖިންސާއި ޓީޝާޓު ފަދަ ތަކެތި ލައިގެން އިމާމުވެ ނަމާދުނުކުރެވޭ ގޮތަށް އިމާމުންނާއި މުދިމުންގެ ސުލޫކީ މިންގަނޑު ބަޔާންކޮށް އުސޫލުން އެކުލަވާލައިފިއެވެ.
އުސޫލުގައި ވިދާޅުވެފައިވަނީ އެ އުސޫލުގެ ބޭނުމަކީ މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ގަވައިދުތަކާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ބައެއްކަން ކަށަވަރުކުރުން ކަމަށެވެ.
އުސޫލުގައި ވިދާޅުވެފައިވަނީ ރަސްމީ ގަޑީގައި ހެދުން އަޅަންވާނީ އިސްލާމީ މުޖުތަމައު ބަލައިގަންނަ އަދި އިމާމުވެ ނަމާދުކުރުމަށް އެކަށީގެންވާ ފަދަ ގޮތަކަށް ކަމަށެވެ. އަދި ޖިންސާއި ޓީޝާޓު ލައިގެން ނަމާދު ނުކުރުމަށާއި ގަޔަށް ބާރު ހެދުން ލައިގެން އިމާމުވެ ނަމާދު ނުކުރުމަށް ވެސް އުސޫލުގައިވެއެވެ.
އުސޫލުގައި ވިދާޅުވެފައިވަނީ ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރާއިރު ބޮލުގައި އެއްޗެއް އެޅުމަށް ފަރުވާތެރިވުމަށެވެ.
އިމާމުންނާއި މުދިމުންނަކީ ސާފުތާހިރުވެގެން ތިބޭ ބަޔަކަށްވުމާއި މިސްކިތަށް އަންނަ ފަރާތްތަކާއި މުޖުތަމައުގެ އާންމު ފަރުދުންނާއި މުއާމަލާތްކުރުމުގައި އިޖުތިމާއީ ހަމަތަކުގެ މަތިން ރީތި ބަހުން ވާހަކަ ދެއްކުމަށް ވެސް އުސޫލުގައިވެއެވެ.
އޭގެ އިތުރުން އުސޫލުގައި ވިދާޅުވެފައިވަނީ އެެހެން މީހުންނަށް ނަމޫނާ ބަޔަކަށް ވުމުގެ އިތުރުން ރަސްމީ ހައިސިއްޔަތުންނާއި އަމިއްލަ ހައިސިއްޔަތުން ކުރާ އެއްވެސް ކަމަކުން ނުވަތަ ދައްކާ ވާހަކައަކުން ވެސް އިމާމުންގެ ގަދަރާއި ހައިބަތާއި އިތުބާރު ގެއްލޭ ފަދަ ކަންކަމުން ދުރުހެލިވާން ޖެހޭނެ ކަމަށެވެ.
ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވައިދުތަކާއި ހިލާފަށް އެއްވެސް އަމަލެއް ނުހިންގުމާއި އެފަދަ ކަންކަމުގައި ބައިވެރި ނުވުމަށް އަދި ދީނީ ގޮތުން ހިލާފު އުފެދޭ ކަންކަމުގައި އަމަލުކުރުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑު ހިފެހެއްޓުމަށް ވެސް އުސޫލުގައި މުދިމުންނަސް އަންގާފައިވެއެވެ.

