ގިނަ ހިދުމަތްތައް ހިމެނޭ ގޮތަށް ދަރުމަވަންތަ ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ބަދަލުކޮށް އެ ތަން ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.
އައިޖީއެމްއެޗާ ޖެހިގެން އޮންނަ ދަރުމަވަންތަ ހޮސްޕިޓަލަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި 25 ބުރީގެ ހޮސްޕިޓަލެކެވެ. އެކަމަކު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެ ހޮސްޕިޓަލުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތެއްގައި ހިފާފައި ނުވެއެވެ. އެ ހޮސްޕިޓަލްގައި ހުރި މެޝިންތަކާއި އެ ނޫން ވެސް ވަސީލަތްތައް ވީރާނާވާން ވަނީ ދޫކޮށްލައިފައެވެ. އެހެންވެ، މެޝިންތައް މަރާމާތުކުރަން ބޮޑު ހޭދައެއް ވެސް ކުރަން ޖެހުނެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ސަރުކާރުން ރަސްމީކޮށް މި ހުޅުވީ، މީގެކުރިން ނުލިބޭ ގިނަ ހިދުމަތްތައް ލިބޭނެ ވަސީލަތްތައް ގާއިމްކުރުމަށްފަހުއެވެ. އެގޮތުން ފާޓިލިޓީ ސެންޓަރު ގާއިމުކޮށްފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 22 ވަނަ ފަންގިފިލާގައެވެ. ހިތާއި ނާރުގެ ބަލިތަކަށް ހާއްސަ ހައިބްރިޑް ކެތު ލެބް ގާއިމުކުރީ 11 ވަނަ ފަންގިފިލާގައެވެ. ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވީ ޓާޝަރީ ހޮސްޕިޓަލެއްގައި ހުންނަން ޖެހޭ ހުރިހާ ހިދުމަތެއް ފުރިހަމަވެގެންނެވެ.
ހޮސްޕިޓަލުގައި އަލަށް ގާއިމުކުރި ހިދުމަތްތަކުގެ ތެރޭގައި ވިހެއުމަށް ބޭނުން ކުރާ ޑެލިވެރީ ސުއިޓްސް، ކުޑަކުދިންގެ އައިސީޔޫ، ޕްރައިވެޓް ރޫމްތަކާއި އެގްޒެކްޓިވް ސުއިޓް ހިމެނެއެވެ.
ދަރިމައިވުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާތީ އެ މައްސަލަތަކަށް ހައްލު ހޯދައި ދިނުމަކީ މި ސަރުކާރުން ހާއްސަ ސަމާލުކަމެއްދޭ ކަމެކެވެ. ދަރިމައިވުމުގެ ހިދުމަތް ދިނުމަށް އެންމެ ފެންވަރު ރަނގަޅު ހިދުމަތްތައް ގާއިމުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެކެވެ. މި ވައުދުފުޅާ އެކު ޒަމާނީ ވަސީލަތްތަކާއެކުގައި ހުޅުވި ފާޓިލިޓީ ސެންޓަރުން އައިވީއެފް، އެގް ފްރީޒިން، ސްޕާމް ފްރީޒިން، އެމްބްރްޔޯ ފްރީޒިން ފަދަ ހިދުމަތްތައް ދިނުމަށް ވަނީ ތައްޔާރުުވެފައެވެ.
އޮބްސްޓްރެކްސް އެންޑް ގައިނޮކޮލޮޖީ ޑިޕާޓްމަންޓްގެ ކްލިނިކަލް ޑިރެކްޓަރު މުހައްމަދު އަސީލް ވިދާޅުވީ އެ ހޮސްޕިޓަލުން މަސައްކަތް ކުރާނީ ދެމަފިރިންނަށް އޯގާތެރިކަމާއެކުގައި އެމީހުންގެ ހުރި މައްސަލަތައް ދެނެގަނެ، އެމީހުންނަށް އެންމެ އެކަށީގެންވާ ފަރުވާގައި ދެމިހުރުމަށް ކަމަށެވެ. އަދި އަމާޒަކަށް ވާނީ އެމީހުންނަށް ގަބޫލު ކުރެވޭ ވަރުގެ ފަރުވާއެއް ފޯރުކޮށްދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސެންޓަރުގައި ފަރުވާ ކުރެވޭނީ ދިރާސާތައް ވެސް ކުރެވޭ ގޮތަށް ކަމުގައި އޭނާ ވިދާޅުވިއެވެ.

