ހުޅުމާލޭގައި ހުންނަ ވަން އެވެނިއު އެޕާޓްމެންޓަކަށް ވަދެ އެތަނުގެ މުދަލަށް ގެއްލުންދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 6:32 ހާއިރު ހުޅުމާލެ ވަން އެވެނިއު އެޕާޓްމެންޓަކަށް ވަދެ މުދަލަށް ގެއްލުންދިން މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށް އޮފިޝަލު ވިދާޅުވިއެވެ
މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު، އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ދާދި ފަހުން މާލޭގެ އަމީނީ މަގުގައި ހުންނަ ކެފޭ ޑި މާލެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ، އެތަނަށް ގެއްލުންދިން މައްސަލަ ތަހުގީގު ކުރަމުން އަންނަކަން ވެސް ހާމަކޮށްފައެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެފަދަ މައްސަލަތައް މިހާރު ފެންމަތިވަމުން އަންނަނީ މާލޭގައި ތިބި ގްރޫޕްތަކުގެ މެދުގައި ޖެހިފައިވާ މައްސަލަތަކުގެ ތެރެއިންނެވެ.
މާލެ ސަރަހައްދުގައި ގޭގެއަށް ވަދެ މުދަލަށް ގެއްލުންދޭ މައްސަލަތައް މަދުން ނަމަވެސް ފެންމަތިވެއެވެ. މިދިޔަ މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު މުދަލަށް ގެއްލުން ދިނުމުގެ 68 މައްސަލައެއް ހުށަހަޅާފައިވެއެވެ.
ފުލުހުންގެ ތަފާސަހިސާބުތަކަށް ބަލާއިރު ކޮންމެ މަހަކު ވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލައެވެ. މިދިޔަ މަހުގައި ވައްކަމުގެ 253 މައްސަލައެއް ހުށަހަޅާފައިވެއެވެ.

