ރާއްޖޭގެ އެއްބާރުލުން އަބަދުވެސް ފަލަސްތީނަށް ލިބެމުންދާނެ – ރައީސް

ރާއްޖޭގެ އެއްބާރުލުން އަބަދުވެސް ފަލަސްތީނަށް ލިބެމުންދާނެ – ރައީސް

ރާއްޖޭގެ އެއްބާލުން އަބަދުވެސް ފަލަސްތީނަށް ލިބެމުންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ފަލަސްތީނުގެ މިނިވަންކަން އިއުލާނު ކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި، އެ ގައުމުގެ ރައީސް، ޑރ. މަހްމޫދު އައްބާސްއަށާއި ބޮޑުވަޒީރު އަދި ހާރިޖީ ވަޒީރު މުހައްމަދު މުސްޠަފާއަށް ފޮނުއްވި ހާއްސަ މެސެޖެއްގައެވެ.

ފަލަސްތީނުގެ ރައީސާއި ބޮޑުވަޒީރަށް ރައީސް ވަކިވަކިން ފޮނުއްވި މެސެޖުގައި، ފަލަސްތީނުގެ މިނިވަންކަން އިއުލާން ކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި، ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ. އަދި ފަލަސްތީނުގެ ރައްޔިތުން، އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތުގައި، އެ ރައްޔިތުންގެ ސާބިތުކަމާއި ހިތްވަރުގަދަކަމަށް ނުހަނު ތައުރީފު ކުރައްވާފައިވެއެވެ.

ރައީސްގެ މެސެޖުގައި، ރާއްޖޭގެ އެއްބާރުލުން އަބަދުވެސް ފަލަސްޠީނަށް ލިބެމުންދާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ ފަލަސްތީނުގެ މިނިވަން އަދި އިސްތިގްލާލީ ދައުލަތަކަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރައްވާނެކަމުގެ ޔަގީންކަންވެސް މެސެޖުގައި ދެއްވާފައިވެއެވެ.

އެ މެސެޖު ނިންމަވާލައްވަމުން، ފަލަސްތީނުގެ ރައީސް ޑރ. މަހްމޫދު އައްބާސްއަށާއި ބޮޑުވަޒީރު އަދި ހާރިޖީ ވަޒީރު މުހައްމަދު މުސްތަފާއަށާއި، އަހުވަންތަ ފަލަސްތީނުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލްހައާއި ކުރިއެރުމަށް ރައީސް އެދިވަޑައިގަނެފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *