ކެފޭ އުސޫލުން ޑްރަގް ވިއްކަމުން ދިޔަ 48 ތަނެއް ބަންދުކޮށްފި

ކެފޭ އުސޫލުން ޑްރަގް ވިއްކަމުން ދިޔަ 48 ތަނެއް ބަންދުކޮށްފި

މާލޭ ސަރަހައްދުގައި ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކަމުން ދިޔަ 48 ތަނެއް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ހެޑް، ސުޕްރިޑެންޓް އޮފް ޕޮލިސް، ނާހިދު ހުސެއިން ވިދާޅުވީ، އާ ލީޑަރޝިޕާއެކު ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރުމުގެ ފުރުސަތު ދޭ ތަންތަން ބަންދުކުރަމުން އަންނަ ކަމަށެވެ.

އެމަސައްކަތުގެ ތެރެއިން މިހާތަނަށް 48 ތަނެއް ބަންދުކޮށްފައިވާ ކަމަށާއި އަދި މާލޭގެ އެކި ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ މުއާމަލާތްކޮށް، ވިއްކަމުން އަންނަ ކަމަށް ތުހުމަތު ކުރެވޭ ތަންތަނުގައި ފުލުހުން ޑިއުޓީ ކުރަމުން އަންނަ ކަމަށް ވެސް ނާހިދު ވިދާޅުވިއެވެ.

ނާހިދު ވިދާޅުވީ، މަސްތުވާތަކެތީގެ 683 މައްސަލައެއް މިހާތަނަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާއިރު، އޭގެ ތެރެއިން 345 މައްސަަލައެއްގެ ތަހުގީގު ނިންމައި، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ ކަމަށެވެ. އަދި ޑްރަގް ޓްރެފިކިންގެ 19 މައްސަލަ 22 މީހެއްގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމް ކޮށްފައިވާ ކަމަށް ވެސް ނާހިދު ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގަމުން އަންނަ އޮޕަރޭޝަނުގައި މިހާތަނަށް 1،009 މީހުން ހައްޔަރުކޮށްފައިވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ އޮޕަރޭޝަންތަކުގައި މިހާތަނަށް 183 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *