ރާއްޖޭގެ %14 މީހުންނަށް ހަކުރު ބަލި ޖެހިފައިވޭ – އެޗްޕީއޭ

ރާއްޖޭގެ %14 މީހުންނަށް ހަކުރު ބަލި ޖެހިފައިވޭ – އެޗްޕީއޭ

ރާއްޖޭގެ 14 އިންސައްތަ މީހުންނަށް ހަކުރު ބަލި ޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ މުނާސަބަތުގައި އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ މި އަހަރުގެ ހަކުރު ބަލީގެ ދުވަހުގެ ޝިއާރު އަމާޒުކުރެވިފައިވަނީ ބަލި ތަހައްމަލު ކުރަމުންދާ މީހުންގެ ދުޅަހެޔޮކަމުގެ މައްޗަށް ކަމަށެވެ. އެގޮތުން ބައްޔާ އެކު ވެސް އެކަށީގެންވާ ދުޅަހެޔޮކަންމަތީ ދިރިއުޅުމަށް ބަލި މީހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމުގެ އިތުރުން އެފަދަ ބަލިތައް ތަހައްމަލުކުރާ ފަރާތްތަކުގެ ބޭނުންތަކުގެ މައްޗަށް ރިއާއަތްކުރެވިގެން މުޖްތަމައުގައި ކަންކަން އިންތިޒާމުކުރުމުގެ މައްޗަށް ކަމަށް ވިދާޅިވިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ދުނިޔޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 537 މިލިއަން މީހުން ހަކުރު ބަލި ތަހައްމަލު ކުރަމުންދާ ކަމަށެވެ. އަދި 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ 14 އިންސައްތަ މީހުންނަށް ހަކުރު ބަލި ޖެހިފައިވާ ކަމަށެވެ.

އެޗްޕީއޭއިން ވިދަޅުވީ ހަކުރުބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކުން ހަކުރު ކޮންޓްރޯލްކޮށް ރައްކާތެރި ދިރިއުޅުމެއް އުޅުމަށް ވަކިގޮތަކަށް ދިރިއުޅުން ބައްޓަން ކުރަންޖެހޭ ކަމަށެވެ.

އެގޮތުން ސަމާލުކަންދޭންޖެހޭ ބައެއް ކަންކަމަކީ:

  • ގަވައިދުން ބޭސް ކެއުން
  • ހާލަތު ދެނެގަތުމަށް އަދި ހަކުރު ކޮންޓްރޯލް ކުރެވިފައިވާކަން ކަށަވަރުކުރުމަށާއި ބަލީގެ ސަބަބުން ހަށިގަނޑުގެ ގުނަވަނަކަށް ގެއްލުމެއް ލިބޭތޯ ބެލުމަށް ހަދަންޖެހޭ ޓެސްޓްތައް ހެދުން
  • ގަވައިދުން ޑަކްޓަރެއްގެ ނުވަތަ ސިއްހީ ހިދުމަތްތެރިއެއްގެ ލަފާހޯދުން
  • ކެއިން ބުއިން ވަކިގޮތެއްގައި ބެހެއްޓުމާއި ގަވައިދުން ކަސްރަތުކުރުން
  • ދުފުމާއި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ސިއްހަތަށް ގެއްލުން ހުރި އަމަލުތަކުން ދުރުހެލިވުން
  • ހަކުރު ބައްޔާ ގުޅިގެން ދިމާވާ "ކޮމްޕްލިކޭޝަންސް" ތައް މަދުކުރުމަށް ނުވަތަ ދުރާލާ ދެނެގަތުމަށް ތިމާއަށް ކުރެވިދާނެ ކަންކަން އޮޅުންފިލުވައި ދެނެގަތުން.
ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *