މ. ދިއްގަރު ސިއްހީ މަރުކަޒުގައި ގާއިމުކުރި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ހުޅުއްވައިދެއްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ އެ ކްލިނިކް ހުޅުވައިދެއްވުމަށްފަހު މެޑަމް ސާޖިދާ ކްލިނިކް ބައްލަވާލައްވައި، ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު އޮޅުންފިލުއްވާފައިވާ ކަމަށެވެ.
ކްލިނިކް ބައްލަވާލެއްވުމަށްފަހު މެޑަމް ވަނީ ދިއްގަރު ސިއްހީ މަރުކަޒުގެ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
އަދި އެ ރަސްމިއްޔާތުގައި، ދިއްގަރު ސިއްހީ މަރުކަޒުގެ ފަރާތުންނާއި އަދި ދިއްގަރު ކައުންސިލް އިދާރާގެ ފަރާތުން ވަނީ މެޑަމް ސާޖިދާއަށް ހަދިޔާއެއް ވެދުމަށް އަރުވާފައި ކަމަށް ވެސް އެ އޮފީހުން ވިދާޅުވެއެވެ.
މެޑަމް ސާޖިދާ މ. ދިއްގަރަށް ކުރައްވާ އެ ދަތުރުފުޅުގައި މިއަދު މެންދުރުފަހު ދިއްގަރު ސްކޫލުގައި ބާއްވާ ހަކުރުބަލީގެ ދުވަހުގެ ހާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވާނެއެވެ.

