ދުނިޔޭގެ ލީޑަރުންގެ ވަޢުދުތައް، ނަތީޖާ ފެންނާނޭ ފަދަ އަމަލުތަކަކަށް ބަދަލުކުރެއްވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް)ގެ ފަރާތުން މޫސުމީ ބަދަލުތަކާ ގުޅޭގޮތުން އެކުވެރި ދައުލަތްތަކުގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫއެންއެފްސީސީސީ)ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގައި ބޭއްވި ލީޑަރުންގެ ސަމިޓުގައި އިއްވެވި ބަޔާނުގައެވެ.
މި ބައްދަލުވުމުގައި އިއްވެވި ބަޔާނުގައި ރައީސް ވަނީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ބޭނުންތައް ފުއްދައިދިނުމުގައި އަދުގެ މާލީ ނިޒާމު ނާކާމިޔާބު ވެފައިވާކަމަށާއި، މާލީ ވަސީލަތްތައް ނެތި ތިބެ ހިފާ އަމާޒުތަކަކީ ހަމައެކަނި އުއްމީދުތަކެއްކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި އިއްވެވި ބަޔާނުގައި ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެތައް އަހަރެއްގެ ތަރައްޤީ ގެއްލިގެންދާކަމަށެވެ. އަދި، އަދުގެ މާލީ އޮނިގަނޑަކީ، ކުދި ޖަޒީރާ ޤައުމުތަކުގެ މުހިންމު ބޭނުންތައް ފުއްދައިދެވޭނޭގޮތަކަށް ފަރުމާކުރެވޭ އޮނިގަނޑެއްކަން ކަށަވަރުކުރުމަށް ތިން ކަމެއް ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެއީ؛
1. އދ. އާއި، ބައިނަލްއަގްވާމީ މާލީ މުވައްސަސާތަކާއި، ޕްރައިވެޓް ސެކްޓަރުގެ ފުރިހަމަ އެހީތެރިކަން ލިބުމާއި،
2. މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާ ގުޅޭ ދަރަނި މަޢާފުކޮށްދިނުމާއި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރާ މަސައްކަތަށް ދޭ ބަދަލުގެ ގޮތުގައި ކްރެޑިޓްވަރދިނަސް މާނަކުރާ ގޮތް ބަދަލުކުރުމާއި،
3. މޫސުމީ ބަދަލުތަކާ ގުޅޭ މާލިއްޔަތަށް ޚާއްޞަ، އަދި ސިޑްސްގެ ހަގީގީ ބޭނުންތައް ތަމްސީލުވާފަދަ، ކުރިއަށްވުރެ ހަރުދަނާ، ނިއު ކަލެކްޓިވް ކުއަންޓިފައިޑް ގޯލް (އެންސީކިއުޑީ) ކަނޑައެޅުމަށާއި، ބައިނަލްއަގުވާމީ ކާބަން މާކެޓް މެކޭނިޒަމާ ގުޅޭ މަޝްވަރާތައް ނިމުމަކަށް ގެނައުމެވެ.
މި ސަމިޓުގައި ރައީސް ވަނީ، ރާއްޖެއިން އަޅާފައިވާ ބަދަލުގެނުވަނިވި ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އިގްތިސާދީ އަދި ޙަޟާރީ ތަރައްގީ އާއި ހަކަތަ އުފެއްދުންފަދަ ފިޔަވަޅުތައް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން މޫސުމީ ކަންކަމުގައި ފިޔަވަޅުތައް އެޅުމަށް އެދި އަޑުއުފުލާތާ އެތައް އަހަރެއް ވެއްޖެކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ވައުދުތައް އަމަލީގޮތުން ދެއްކުމަށް ގޮވާލައްވައިފައެވެ.

