މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން: ރައީސް

މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން: ރައީސް

މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނ ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ގަބޫލު ކުރައްވާ ހަމައެއް ނޫން ކަމަށެވެ.

ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލާ މެދު ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އަދި ބައެއް ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ރައީސް ވިދާޅުވީ މާތް ވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުއަސާސީ ހިލާފު ނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުންކަމެއްކޮށް އުޅުމުގެ ހައްގު އޮންނާނެ ކަމަށެވެ.

އެމްޖޭއޭއިން ނެރުނު ބަޔާނުގައިވަނީ އެ ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ވަރަށް ބޮޑަށް ހަނިވާނެ ކަމަށެވެ. އަދި ބިލަކީ ހުރިހާ އުސޫލްތަކެއް މުގުރިގެންދާނޭ ފަދަ މިނިވަން ނޫސްވެރިކަމާއި މީޑިއާއަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެމްޖޭއޭ އިން ބުނެފައިވެއެވެ. ބިލް ހުށަހެޅި މެމްބަރާއި ސަރުކާރުގެ ފަރާތުން ވެސް އެ ބިލް އެކުލަވާލުމުގައި އެމްޖޭއޭ އަދި މީޑިއާގެ އިސް ފަރާތްތަކުގެ ލަފާ އެއްވެސް ވަރަކަށް ހޯދާފައިނުވާ ކަމަށް އެމްޖޭއޭއިން ބުންޏެވެ.

އެމްޖޭއޭއިން ބުނީ ސެލްފް ރެގިއުލޭޓް ކުރުމަށް މިހާރު އޮތް ބާރު ގެއްލިގެން ގޮސް ސަރުކާރުގެ ނުފޫޒާއި ބާރު މީޑިއާގެ ތެރެއަށް ވަރަށް ބޮޑަށް ވަދެ، މީޑިއާގެ މިނިވަންކަން އެތައް އަހަރެއް ފަހަތަށް ދާނެ ކަމަށެވެ.

ބައެއް ނޫސްވެރިންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ⁠ކޮމިޝަންގެ އެކުލަވާލަން ހުށަހަޅާފައިވާ ގޮތުން ހަތް މެމްބަރުންގެ ތެރެއިން ހަތަރު މެންބަރުންނަކީ ރައީސްގެ ފަރާތުން ރައްޔިތުން މަޖިލީހަށް ނަން ފޮނުވައިގެން އައްޔަން ކުރާ މެމްބަރުންނަށްވުން ހިމެނެއެވެ. މީޑިއާތަކުން އިންތިހާބު ކުރަން ޖެހެނީ އެންމެ ތިން މެންބަރުން ކަމަށްވާ އިރު، މިކަމުގެ ސަބަބުން ސަރުކާރުގެ ނުފޫޒު ވަދެ މީޑިއާތަކާއި ނޫސްވެރިންނަށް އޮތް މިނިވަން ކަމަށް ސަރުކާރުގެ ބާރާއި ނުފޫޒުތައް ވަދެ މިހާރު މި އޮތް މިންވަރަށް ވެސް މިނިވަންކަން ނުލިބޭނެ ކަމަށް އެ ނޫސްވެރިން ދެކެއެވެ.

މި ބިލާ ގުޅޭ ގޮތުން ކަންބޮޑުވުން އުފެދިފައިވާއިރު މި ބިލަކީ ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެއް ނޫންކަން ފާހަގަކުރެވެއެވެ.  އެ ބިލް ފާސް ކުރުމާ މެދުގައި ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުން އަދި ވަކި ގޮތެއް ނުނިންމައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *