ގައުމުގެ ކަންކަން އިސްލާހުކުރުމަށްޓަކައި ރައީސް މުއިއްޒުއަށް ވަގުތުކޮޅެއް ދެއްވަން ޖެހޭ ކަމަށާއި އެހެން ނޫނީ ގައުމު ކޮޅަށް ޖެހި ހިނގައިގަންނަ ތަނެއް ނުފެންނާނެ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ޙިލްމީ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި މިއަދު ފެށި 2025 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ މިދިޔަ ސަރުކާރުގެ ޕްރޮޖެކްޓު ހިންގެވިކަމަށް ބުނާ މީހުން މިއަދު ތިބީ "މިލިޔަނަރުންނަށް" ވެފައި ކަމަށެވެ. އަދި އެ ފަރާތްތަކަށް ދައުލަތުގެ ބަޖެޓް ފެނުނީ "ޤުދުރަތުން ދެއްވި ޚަޒާނާ" އެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.
"ރާއްޖޭގެ ބަޖެޓު އެބޭފުޅުންނަށް ފެނުނީ ޤުދުރަތުން ދެއްވި ބޮޑު ޚަޒާނާއެއްގެ ގޮތަށް. 15 ވަރަކަށް މިލިޔަން ރުފިޔާއަށް ނިމޭ ޕްރޮޖެކްޓުތައ 100 މިލިއަން ރުފިޔާއަށް އަރައިގެން ދިޔަ އިރު ކޮބައިތޯ އަޅުގަނޑުމެންގެ ދިވެހިންގެ ޙައްގު. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުން ވެއްޖެއްޔާ އަދި އަޅުގަނޑުމެން ދިވެހިން އެހާ މަންމަނެއް ނޫން. ބީރެއް ނޫން. ކަނެއް ނޫން. އިއްޔެ ވީ ކަންތައްތައް މިއަދު ހަނދާން ނެތޭކަށް" ސައުދުﷲ ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ، ގައުމުގެ ކަންކަން އިސްލާހުކުރުމަށްޓަކައި ރައީސް މުއިއްޒުއަށް ވަގުތުކޮޅެއް ދެއްވަން ޖެހޭ ކަމަށެވެ. އެހެން ނޫނީ ގައުމު ކޮޅަށް ޖެހި ހިނގައިގަންނަ ތަކެއް ނުފެންނާނެ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
"މިހާރު ރައީސުލްޖުމްހޫރިއްޔާއަށް މިއޮތީ މުޅިން އަލުން ބަލުން ގައުމު ފަށަން ޖެހިފަ. ހުރިހާ ކަމެއް. ވަކި ކަމެއް ނޫން. ކޮންމެ ތަނެއްގައިވެސް އޮތީ ހަމަ އެގޮތަށް. ބަޖެޓާއި އާމްދަނީއާ އެކަށީގެން ނުވާ ވަރަށް ޕްރޮޖެކްޓުތައް ފައްޓާ އަދި އެޑްވާންސްތައް ދީ މަސައްކަތް ފެއްޓިފަ ހުރި ޕްރޮޖެކްޓުތަކަށްވެސް ހައްލެއް އެބަ ލިބެން ޖެހޭ." ސައުދު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ސައުދުﷲ ވިދާޅުވީ ޓެކްސްގެ ނިޒާމު ގާއިމް ކުރުން ފިޔަވާ މިހާތަނަށް އެއްވެސް ސަރުކާރަކުން ގައުމަށް ފައިދާހުރި އުފެއްދުންތެރި ކަންތައްތަކެއް ކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން އާމްދަނީ އިތުރުކުރުމަށް އިރުއިރުކޮޅާ ޓެކްސް ބޮޑުކުރަން ޖެހޭ ކަމަށާއި އެއީވެސް ހައްލެއް ނޫން ކަން ފާހަގަކުރައްވައި މެމްބަރު ވަނީ އާމްދަނީ އިތުރުކުރުމަށް މިސަރުކާރުން ފަށާފައިވާ މަޝްރޫއުތަކަށް އަލިއަޅުއްވާފައެވެ.
"އެ ލިބޭ އެއްޗެއް ބޮޑު ކުރުމަށް އަޅުގަނޑުމެންނަށް މިޖެހެނީ އިރުއިރުކޮޅާ ޓެކްސް ބޮޑުކުރަން. އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވެ ހިނގައިދާނެ. އެހެން ނަމެވސް އުފެއްދުންތެރި މަސައްކަތްތަކެއް ފައްޓަވަން ޖެހޭ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އެކަންތައްތައް މި ސަރުކާރުން އެބަ ފެނޭ. ބަންކަރިންގެ ޚިދުމަތާއި އަދިވެސް އިހަވަންދިއްޕޮޅު މަޝްރޫއުތަކާ މިހެން ގޮަސް އެކަހަލަ ކަންތައްތައް އަޅުގަނޑުމެންނަށް ފެނޭ އެބަ ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރެވޭނެ ކަންތައްތައް ފެށިގެންދާތަން،" މެމްބަރު ވިދާޅުވިއެވެ.

