ށ. ދައްފަޅުގައި ޓޫރިސްޓް ހޮޓަލަކާއި އަދި އެޓްރެކްޝަން ހިމެނޭގޮތުން އީކޯ ޕާކެއް ތަރައްގީ ކުރުމަށް ސާވޭކުރުމާއިއެކު ޑިޒައިން ކުރާނެ ފަރާތެއް ހޯދަން ފުނަދޫ ކައުންސިލުން އިއުލާންކޮށްފިއެވެ.
ށ.ފުނަދޫގައި އޮންނަ ދައްފަޅަކީ ގުދުރަތީ ގޮތުން ވަރަށް ހާއްސަ މުއްސަނދިކަމެއް ލިބިފައިވާ ފަޅެކެވެ. ކޯރެއް ގޮތަށް އުފެދިފައިވާ، މި ފަޅަށް ފްލެމިންގޯ ފަދަ މޫސުމީ ދޫނިތައް ރާއްޖެއިން ބޭރުން ހިޖުރަކުރެއެވެ. އަދި މި ފަޅުތެރޭގައި ބުޑެތި ކަކުނި އާލާވެއެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ ދައްފަޅުގައި ޓޫރިސްޓް ހޮޓަލަކާއި އެކު ގުދުރަތީ މުއްސަނދިކަން ބަލައިލާ ހިތްއުފާ ކޮށްލެވޭނެފަދަ އީކޯ ޕާކެއް ތަރައްގީ ކުރުމަށްޓަކައި ސާވޭކުރުމާއި އެކު ޑިޒައިން ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
މިގޮތުން މި މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ނޮވެމްބަރ 19 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ އިދާރާަށް އީމެއިލް [email protected] އަށް ޝައުގުވެރިކަން ފާޅުކޮށް އީމެއިލްކޮށް، ނޮވެމްބަރ 24 ގެ 13:00 އަށް އެ އިދާރާއަށް ގޮސް އަގު ހުށަހެޅުމަށް އެދޭ ކަމަށެވެ.
އަދި މި ފަޅުގެ ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރުމަށް އިސްކަންދީގެން މިފަޅު ހިމެނޭ ސަރަހައްދަކީ އީކޯ ޓޫރިޒަމް ތަރައްގީ ކުރުމަށް އޮތް ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް އެ ކައުންސިލުން މައުލޫމާތު ދެއްވައެވެ.
މި މަޝްރޫއުގައި އީކޯ ޕާކްގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީ ކުރެވޭއިރު ތަފާތު މޫދު ކުޅިވަރުތައް ކުޅުމާއި، އަދި އެތަނަށް އަންނަ ފްލެމިންގޯ ފަދަ ދޫނިތައް ބަލާނެ ފްލެޓްފޯމަކާއި، ބޮޑެތި ކަކުނި އާލާ ކުރާނެ މަރުކަޒުތަކާއި ފްލޯޓިންގ ރެސްޓޯރެންޓެެއްވެސް ހިމެނިގެން ދާނެ ކަމަށް ބުނެފައި ވެއެވެ.
ކައުންސިލުން ބުނީ މިތަނަށް އަންނަ މީހުންނަށް ރޭގަނޑުގެ ހަނދުވަރުމަތީ ތަރިތަކުގެ ހިތްގައިމު މަންޒަރު ބަލާލާ، ހިތްއުފާކޮށްލެވޭނެ ތަނަކަށް ވެގެންދާނެ ކަމަށެވެ. އަދި .މި މަޝްރޫއު މިގޮތަށް ފަރުމާ ކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ އިގްތިސާދީ ނަފާ ހޯދުމުގައި ހޯދުމުގައި ގުދުރަތީ މުއްސަނދިކަން ރައްކާތެރި ކުރެވި، ހިމާޔަތްކުރެވި ދެމެހެއްޓެނިވި ގޮތުގައި މި ސަރަހައްދު ބޭނުން ކުރެވޭނެ ގޮތަށް ހަމަޖެއްސުން ކަމަށެވެ.

